އަންނަ އޭޕްރިލް މަހު ފަސް ވަނަ ދުވަހު ރިލީޒު ކުރަން ހަމަޖެހިފައިވާ ފިލްމު، "ވާށޭ މަށާއެކީ" ގެ ޓްރެއިލާ ރިލީޒުކޮށްފި އެވެ.

މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލް ހަރަކާތްތެރިވާ އެ ފިލްމުގައި ފެނިގެންދަނީ ވަރަށް ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންވާ ފިރިހެން ކުއްޖަކާއި، މީހަކާ އިނދެގެން ވަރަށް ބައިވަރު ދަރިން ހޯދަން ބޭނުންވާ އަންހެން ކުއްޖެކެވެ.

ކޮންމެއަކަސް އެ ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރެއެވެ. އަދި އަންހެން ކުއްޖާ ވަކި ހިސާބަކުން ބަލިވެ އިނދެއެވެ. އެހެންނަމަވެސް ފިރިހެން ކުއްޖާ އަށް އެކަން ބަލައެއް ނުގަނެވެއެވެ. އޭނާ އެކަމާ ނުރުހިގެން އުޅޭ މަންޒަރު ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދެއެވެ.

ޑާކްރެެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެ ފިލްމުގެ ދެ ލަވައެއްވެސް މީގެ ކުރިން ވަނީ ރިލީޒުކޮށްފައެވެ. އެ ފިލްމުގެ ދެ ލަވަ ވެސް ކިޔާފައިވަނީ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ) އެވެ.

"ވާށޭ މަށާއެކީ"ގެ ފުރަތަމަ ހަތަރު ޝޯވް އަށް އޮންލައިންކޮށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ފިލްމުގެ ޓިކެޓު މި މަހުގެ މެދެއްހާ ހިސާބުގައި ވިއްކަން ފަށާނެ އެވެ.

މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.