09 Mar 2016, 11:11
ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި އަމިއްލަ ކުންފުންޏަކާ ދެމެދު 2013 ވަނަ އަހަރު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ވެފައިވީ ނަމަވެސް، އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން މެނުވީ އެ ފަޅު ކުއްޔަށް ނުދިނުމަށް އޭސީސީ އިން ޓޫރިޒަމް މިނިސްޓްރީ އަށް މިއަދު އަންގައިފި އެވެ.
ފުށިދިއްގަރު ކިޔާ ފަޅު ބޭރުބަޔަކަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލާގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ތަޙުގީގަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެފައި ވަނީ ދިވެހި ސަރުކާރުގެ 50 ޕަސެންޓް ޙިއްޞާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް 2013 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަވި ކަމަށް އޭސީސީ އިން ބުންޏެވެ.
އެގޮތަށް މެދުވެރިވެފައި ވަނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައި އިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާ ގޮތަށް ނިންމުމުން ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އެހެންނަމަވެސް ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވެސް އަދި އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ އެހެން މުއާމަލާތްތަކުގައި ވެސް ފަޅު ކުއްޔަށްދޭ އިރު އިކުއިޒިޝަން ކޯސްޓެއް ނެގުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއްކޮށްފައި ނުވާކަން ފާހަގަވި ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފަ އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ ވެސް ކޯޓުން އެކަމަށް އަމުރު ކުރުމުން 2014 ވަނަ އަހަރު އެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން އެ ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ކުއްޔަށްދޭ ނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ކަމަށް އޭސީސީ އިން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިފަ އެވެ.