09 Mar 2016, 10:44
ޔުއެފާ ޗެމްޕިއަންސް ލީގްގައި 0-2ގެ ނަތީޖާ އަކުން އޭއެސް ރޯމާ ބަލިކޮށް ރެއާލް މެޑްރިޑް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެ ދެ ޓީމު ރޯމާގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް 0-2 އިން ރެއާލްއިން ކާމިޔާބުކޮށްފައިވާއިރު އެ ޓީމު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން، ރޯމާގެ އެޑިން ޒެކޯ އަދި މުހައްމަދު ސަލާހުއަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް މެޑްރިޑް އާއި ރޯމާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް ރޯމާގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
އެ މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލޫކާ މޮޑްރިޗްއަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް ފުރަތަމަ ހާފްގައި ރޯމާގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ވެސް ރޯމާއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައެވެ. ރޯމާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާނަގައި މެޗުގެ 64 ވަނަ މިނެޓްގައި ރެއާލްއިން ވަނީ ލީޑުނަގާފައެވެ. ވަޒްކުއޭޒް ތަނަވަސްކޮށް ދިން ފުރުސަތެއްގައި އެ ގޯލް ރެއާލްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގްގައި ކާމިޔާބްކުރި 61 ވަނަ ގޯލެވެ.
އެ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ރެއާލްގެ ލީޑު ފުޅާކޮށްދިނީ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޖޭމްސް ރޮޑްރިގޭޒް އެވެ. މި ލަނޑުތަކަށް ފަހު ވެސް ރެއާލް އަށް ވަނީ މި މެޗުގައި ފުލުފުލުގައި ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް މެޑްރިޑް އާއި ރޯމާ ބައްދަލުކުރި މެޗުގައި ބޭލް ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ: އޭޕީ
މިއީ ރެއާލް މެޑްރިޑް މި މުބާރާތުގެ ކުއާޓާފައިނަލަށް، ޖެހިޖެހިގެން ދަތުރުކުރި ހަވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.
ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު އެހެން މެޗަކަށް ބަލާއިރު، ޖަރުމަނުގެ ވުލްފްސްބާގުން ވަނީ ޖެންޓްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. އެ ނަތީޖާއާއެކު ވުލްފްސްބާގް ވެސް ވަނީ ދެ ލެގުގެ އެގްރިގޭޓާއެކު 2-4 ގެ ނަތީޖާއިން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މިއީ ވުލްފްސްބާގް މި މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.