ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫން ކަމަށާއި، އެންމެ ބޮޑު ހިޔާނާތަކީ ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ ރާއްޖޭގައި ހިނގި ދެވަނަ އަށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށެވެ.

"ބައެއް ބޭފުޅުން އަޑަށް ބާރުލާފައި މިތާގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައޭ ވިދާޅުވޭ. އަޅުގަނޑު އެއްބަހެއް ނޫން. ރާއްޖޭގައި މިހާ ހިސާބަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެފްޕީއައިޑީ ގެ މައްސަލަ،" އެފްޕީއައިޑީގެ މައްސަލަ ތަހުގީގު ކުރުމަށް އޭރު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ހިމެނިވަޑައިގަތް ޝަރީފު ވިދާޅުވި އެވެ.

އެފްޕީއައިޑީ ކަރަޕްޝަންގެ މައްސަލަ ފެންމަތިވެފައި ވަނީ 1990 ވަނަ އަހަރު އެވެ. އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވިފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުމާރިޔާއަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް އިބްރާހީމްގެ މައްޗަށެވެ.

ޝަރީފު ވިދާޅުވީ އެފްޕީއައިޑީ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ވެސް ދާދި އެއްގޮތް ދެ މައްސަލަ ކަމަށާއި އެފްޕީއަޑީގެ މައްސަލަ އެހާ ބޮޑަށް އާންމުންނާ ހަމައަށް އައިސްފައި ނުވަނީ ސޯޝަލް މީޑިއާ އާއި މީޑިއާގެ މިނިވަންކަން އެހާ ފާގަތި ޒަމާނަކަށް ނުވުމުން ކަމަށެވެ.

އެފްޕީއައިޑީގެ ހިޔާނާތް 100 މިލިއަން ޑޮލަރު ނޫނީ 1.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދާދިފަހުން އާންމު ކުރި އޮޑިޓް ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތް އުޅެނީ 79 މިލިއަން ޑޮލަރު ނޫނީ 1.22 ބިލިއަން ރުފިޔާގެ ތެރޭގަ އެވެ.

ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ މައްސަލަތައް ތަކުރާރުވަމުން އަންނަނީ ކޮންމެސް ބައެއްގެ އިހުމާލުން ކަމަށާއި އެކަމުގެ ސަބަބަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކުން މަސްއޫލިއްޔަތު އަދާނުކުރާތީ ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަތައް ހުއްޓުވުމަށް، އެކަމުގެ ސަބަބު ހޯދައި، ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ދައުލަތުގެ ނިޒާމުތައް ބަދަލުކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މައްސަލަ ތަހުގީގު ކުރުމުގައި ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ގައުމަށް ހަމަޖެހުން ނުގެނެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޔާސީ ވިސްނުމުގައި ތިބުމަކުން ގައުމަށް ހަމަޖެހުމެއް ނާންނާނެ. ގައުމުގެ މުސްތަގުބަލާ މެދު އަޅުގަނޑުމެން ދެކޭ ހުވަފެން ހަގީގަތަކަށް ނުހެދޭނެ،" އޭނާ ވިދާޅުވި އެވެ.