ރާއްޖެ އަށް ޒިޔާރަތްކުރާ އަހަރު، ނުވަތަ ވިޒިޓް މޯލްޑިވްސް އިޔާ ޕްރޮމޯޓް ކުރުމަށް މި އަހަރު ހިންގަން ނިންމާފައިވާ އެންމެ ބޮޑު އެ ހަރަކާތް، އައިޓީބީ ފެއާ އިއްޔެ ޖަރުމަނުގެ ބާލިންގައި ހުޅުވައިފި އެވެ.

ކޮންމެ އަހަރަކުން ވެސް އެއްފަހަރު ޖަރުމަނުގައި ބާއްވަމުން އަންނަ އެންމެބޮޑު ފެއާ، އައިޓީބީ ފެއާ މިއަހަރު ރާއްޖެ އަށް ހާއްސަ ވަނީ ޕާޓްނާ ހޯސްޓް ގައުމަކަށް މި އަހަރު ރާއްޖެ ހަމަޖައްސާފައިވާތީ އެވެ. އޭގެ އިތުރުން މިއަހަރަކީ އައިޓީބީ ފެއާގެ 50 ވަނަ އަހަރީ ދުވަހަށް ވާތީ މި އަހަރުގެ ފެއާ މުޅި ޖަރުމަނަށް ހާއްސަވެ އެވެ.

އިއްޔެ ޖަރުމަނުގައި ބޭއްވި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ފެއާގައި ޖުމްލަ 265 ސްޓޯލް ބަހައްޓާފައި ހުރި އިރު، 95 ކުންފުންޏެއް ރަޖިސްޓާކޮށްފައިވެ އެވެ. ސްޓޯލް ތައް ހުޅުވަން ހަމަޖައްސާފައި ވަނީ ޖަރުމަނުގެ ގަޑިން ހެނދުނު 10:00 އިރު އެވެ. ރާއްޖެ ގަޑިން ބަލާނަމަ އެއީ މެންދުރު 2:00 އެވެ.

އިއްޔެ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު ހާއްސަކޮށްދީފައި ވަނީ ރާއްޖޭގެ ހުނަރުވެރި، ގާތްގަނޑަކަށް 57 މިއުޒިޝަނުން ހުށަހަޅައިދިން އައިޓަމްތަކަކުންނެވެ. އެގޮތުން ރާއްޖޭގެ ސަގާފީ ލަވަތަކާއި ބައެއް ކުޅިވަރުތައް ދައްކާލާފައިވާ އިރު، އެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ސަގާފަތް އިތުރަށް ޕްރޮމޯޓްވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އޭގެ އިތުރުން 2500 މީހުންނަށް ދައުވަތު ދީގެން ކުރިއަށްގެން ދިޔަ އެ އިވެންޓުގައި ރާއްޖޭގައި ކައިއުޅޭ ތަކެތި ހިމަނައިގެން ވަނީ ރޭގަނޑުގެ ކެއުމެއް ދީފަ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ފެއާ ކުރިއަށްދާ މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.