އަނިޔާ ކުރުމާއި އެހެނިހެން ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުޢާހަދާ، "ކޮންވެންޝަން އަގެއިންސްޓް ޓޯޗާ" (ކެޓް) އާއި އޮޕްޝަނަލް ޕްރޮޓޯކޯލް ޓު ދި ކޮންވެންޝަން އަގެއިންސްޓް ޓޯޗާ (އޮޕްކެޓް) ކޮމިޓީގެ މެމްބަރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގުރާމެއް ފަށައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިންތިޒާމުކޮށްގެން، ދެ ދުވަހުގެ މުއްދަތަށް ދަރުބާރުގޭގެ ހަކުރާ މާލަމުގައި ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގުރާމަކީ އެ ދެ މުއާހަދާއަށް މެމްބަރުން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

ކެޓް އާއި އޮޕްކެޓު އަށް މެމްބަރުން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ސެޝަންތައް ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ތަމްރީނު ޕްރޮގުރާމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެމްބަރު އައިޝަތު އަފްރީން މުހައްމަދު ވިދާޅުވީ، އެ ތަމްރީނު ޕްރޮގުރާމްގައި ނޭޝަނަލް ޕްރިވެންޓިންގް މެކޭނިޒަމް އަކީ ކޮބައިކަމާ ގުޅޭގޮތުންނާއި ގާނޫނުތަކާ ގުޅޭގޮތުން ވާހަކަ ދެކެވޭނެ ކަމަށެވެ.

"މި ޓްރެއިނިންގު ޕްރޮގުރާމްގައި ވާހަކަ ދެކެވިގެންދާނެ މައުޟޫތަކަކީ، ކޮންވެންޝަން އެގެންސްޓު ޓޯޗާ، (އޮޮޕްކެޓް)، ނޭޝަނަލް ޕްރިވެންޓިންގް މެކައިނިޒަމް އަކީ ކޮބައިކަން، ލޯކަލީ ގާނޫނު ތަކަށް މިސާލަކަށް ޕެރޯލް ގާނޫނާއި ޓޯޗާ ގާނޫނާ ގުޅިގެން މައުލޫމާތު ދެވޭނެ،" މެމްބަރު އައިޝަތު ވިދާޅުވިއެވެ.

ކެޓް އާއި އޮޕްކެޓު އަށް މެމްބަރުން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ސެޝަންތައް ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އޭނާ ވިދާޅުވީ، އެ ޓްރެއިންނިންގު ޕްރޮގުރާމްގައި ކެޓް އަދި އޮޕްކެޓުގެ ގައުމީ ކޮމިޓީގައި ބައިވެރިވާ ހުރިހާ މުއައްސަސާއަކުންވެސް ބައިވެރިވާނެ ކަމަށެވެ.

"ކޮމިޓީގައި ހިމެނިގެން މި ވަނީ 14 މުއައްސަސާއެއްގެ މެމްބަރުން. އެހެންވީމަ މި 14 މުއައްސަސާގެ ފަރާތުން މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ." އައިޝަތު އަފްރީން މުހައްމަދު ވިދާޅުވިއެވެ.

ނޭޝަނަލް ކެޓް އަދި އޮޕްކެޓު ކޮމިޓީއަކީ، އެ ދެ މުއާހަދާގެ މަސައްކަތް ގައުމީ ފެންވަރުގައި ކުރުމަށް މިދިޔަ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.