09 Mar 2016, 10:18
ނައިބު ރައީސް ކަމުގެ މަގާމުގައި ކުޑަ ދުވަސްކޮޅަކު ހުރުމަށް ފަހު، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމާއި އިތުރު މައްސަލަތަކެއްގެ ތުހުމަތުގައި މިހާރު ޖަލުގައި ހުންނެވި އަހުމަދު އަދީބު ގިނަ ބަޔަކަށް އެނގިގެންދަނީ ފަލަ ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް އަދީބަކީ ވަރަށް ފަހަކާ ޖެހެންދެން ހިކިކޮށް ފިޓްކޮށް ހުރި ބޭފުޅެކެވެ.
ކަސްޓަމްސްގައި އަދީބު އުޅުއްވި ދުވަސްވަރު ކުޅެފައިވާ "ހަޔާތުގެ ކުލަތައް" ޑްރާމާއިން ވެސް އަދީބުގެ ހިކިކަމާއި ފިޓްކަން އެނގިގެންދާނެ އެވެ. ފަހުން ގިނަ މީހުން އަދީބުގެ ފަލަވާހަކަ ދައްކަމުން ގޮސް އަނެއްކާ ވެސް މިވަނީ ވާހަކައަށް ބަލުތަކެއް އައިއްސަ އެވެ. އެއީ އަދީބުގެ ހަށިގަނޑު ހިކެމުން އަންނަ ވާހަކަ އެވެ. އަދީބުގެ ބަރުދަނުގައި މިހާރު ހުންނަނީ ކިހާވަރެއްތޯ ގިނަ ބަޔަކު ހިތާ ހިތާ ސުވާލު ކުރެ އެވެ.
މާޗް 6، 2016: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތައް މާލެ ގެންނަނީ: އަދީބު ބޭނުންވަނީ އަދިވެސް ބޮޑަށް ހިކިލަން -- ސަންފޮޓޯ -- ފަޔާޒު މޫސާ
ގިނަ މީހުން ހީކުރަނީ ޖަލު ބަންދުގައި ހުންނަން ޖެހުމުން ހިތާމާކޮށް ރަނގަޅަށް ނުކެވުމުން ހިކެނީ ކަމަށެވެ. ނަމަވެސް ގިނަ މީހުންގެ އެވިސްނުމަށް އަދީބު މިވަނީ ފުރިހަމަ ޖަވާބެއްދީފަ އެވެ. އަދީބުގެ ގާތް ބޭފުޅަކު 'ސަން' އަށް ބުނީ އަދީބު ޖައްސަނީ ޑައިޓެއް ކަމަށެވެ. ކުރިން ވެސް ހިކިކޮށް ފިޓްކޮށް ހުންނަން ބޭނުންވި އަދީބަށް ހަށިގަނޑުގެ ބަރުދަނާއި ފަލަކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ "ގައުމު ހިންގުމުގެ ކަންކަމުގައި މާ ބުރަކޮށް އުޅެން ޖެހުމުން" ކަމަށް އަދީބާ ހަވާލާދީ އޭނާ ބުންޏެވެ.
މިހާރު އަދީބުގެ ޓާގެޓެއްވެސް އެބައޮތެވެ. އެއީ 88 ކިލޯއަށް ބަރުދަން ލުއިކޮށްލުމެވެ. ޖަލަށް ލީއިރު އަދީބުގެ ބަރުދަނުގައި 123 ކިލޯ ހުރިކަމަށް 'ސަން' އާ ވާހަކަ ދައްކަމުން އަދީބުގެ ގާތް މީހާ ބުންޏެވެ. މިހާރު ބަރުދަނުގައި ހުރީ 101 ކިލޯ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ އަދީބު ހިކިކަމުގެ ވާހަކަ މީހުން އެދައްކަނީ ހީވާ ހީވުމަކަށް ނޫނެވެ. ހަމަ އަސްލު ވެސް އަދީބު ހިއްކެވެ.
މިހާރު އަދީބު އެވަނީ އޭނާގެ ބަރުދަނުން 22 ކިލޯ ލުއިކޮށްލައިފަ އެވެ. އަދީބު ފުލުހުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ 24 އޮކްޓޫބަރު 2015 ގަ އެވެ. އޭގެ ފަހުން ފަސް މަސް ދުވަސް ހިނގައިދިޔަ އިރު 22 ކިލޯ ލުކޮށްލެވުމަކީ އަދީބުގެ ޑައިޓުން ހޯދި ކާމިޔާބީ އެކެވެ. އެރޭޓުން ހިކުމުގެ ރެކޯޑް ގާއިމު ކުރައްވާ ނަމަ އަދީބު ކުރިން ހުންނެވި ވަރަށް ބަދަލު ގެނައުމަކީ ދުރުކަމެއް ނޫނެވެ.