26 Apr 2011, 13:03
އއ. ތޮއްޑޫގައި މިދިޔަ ހޮނިހިރު ދުވަހު ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހިފަހައްޓާފައި ހުއްޓައި ފިލައިގެން އުޅުނު ބަންގުލަދޭޝް މީހާ ތިން ދުވަހަށް ފަހު ފުލުހުން މިއަދު ހޯދައި އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޮއްޑޫގައި ފިލައިގެން އުޅުނު މީހާ ފަޅުގެއެއްގެ ސީލިންގް ތެރޭގައި ފިލާ އޮއްވައި ފެނުނީ މިއަދު 11:00 ޖަހާ އެހާކަށް ހާއިރު ކަމަށެވެ. މިހާރު އެމީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތޮއްޑޫ ރަށު ކައުންސިލުން ބުނީ އެ ރަށުގައި ގްރޫޕެއް ހަދައިގެން ރޭނުމުގެ މަސައްކަތް ކުރާ ބަންގްލަދޭޝްގެ އަޒީޒު ފިލާ އޮއްވައި ފުލުހުން ހޯދީ ތޮއްޑޫގެ ވަލާ ކައިރީގައި ހުރި ފަޅުގެއެއްގެ ތެރެއިން ކަމަށެވެ. އަޒީޒު ފިލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޭރުން ފެށިގެން ތޮއްޑޫ ރައްޔިތުންނާއި ފުލުހުން ދިޔައީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ.
އަޒީޒު ފިލީ އޭނާގެ މައްޗަށް ކުރެވުނު ބަދު އަހުލާގީ މައްސަލައިގައި ރަށު ކައުންސިލަށް ހާޒިރުކޮށްފައި ހުއްޓާ އެރަށު ބަޔަކު ކައުންސިލުގެ އިދާރާއަށްވަދެ އޭނާގެ ގައިގައި ތަޅައިގަންނަން އުޅުމުންނެވެ.