ވޮޝިންޓަން (މާޗް 9):އައިއެސް ޖަމާއަތުގެ ހަނގުރާމައާބެހޭ އެންމެ އިސްވެރިޔާ މަރާލެވިއްޖެކަމަށް އެމެރިކާ ބުނެފިއެވެ.

ޕެންޓަގަންގެ މަސްއޫލުވެރިން ވިދާޅުވީ އުމަރުއްޝީޝާނީ ނަމަކަށްކިޔާ މިމީހާއަކީ އައިއެސްގެ ހަނގުރާމައާބެހޭ ވަޒީރު ކަމަށެވެ.

ޝީޝާނީ މަރުވެފައިވަނީ ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކެއްގައި ކަމަށާއި އޭނާ މަރުވުމަކީ އައިއެސްއާ ދެކޮޅަށްކުރާ ހަނގުރާމައިގާ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް ޕެންޓަގަން އިން ބުނެއެވެ. ޝީޝާނީއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނޭ ޖޯޖިޔާއަށް އުފަން އުމުރުން ތިރީސް އަހަރުގެ މީހެކެވެ. އޭނާއަކީ އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އާ ވަރަށް އަރިސްމީހެއްކަމަށް ވެއެވެ.

އެމެރިކާއިން ޝީޝާނީ މަރާލީ އޭނާ އުޅޭނޫޅޭ ތަންތަން ބެލުމަށްފަހު ޑްރޯން މަތިންދާބޯޓެއް ބޭނުންކޮށްގެން ދިން ޙަމަލާއެއްގައި ކަމަށާއި އެޙަމަލާގައި ޝީނާގެ ސިފަނޭނގޭ ވަރަށް އޭނާގެ ހަށިގަނޑު ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޝީޝާނީ މަރުވިކަން އައިއެސް އިން ކަށަވަރުކޮށްދީފައެއް ނުއެވެ.

އައިއެސްގެ ބާރު ސޫރިޔާގައި ބަލިކަށިވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
އައިއެސްގެ ބާރު ސޫރިޔާގައި ބަލިކަށިވާންފެށީ ރަޝިޔާއިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަނެ ވަރަށް ވަރުގަދަ ހަތިޔާރު އެޖަމާއަތާ ދެކޮޅަށް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެމެރިކާއިން އައިއެސްއަށް ހަމަލާތައްދެމުން ގެންދާތާ ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ 60 ގައުމު ހިމެނޭ ކޯލިޝަންގެ ޙަމަލާތަކުގައި އައިއެސް އަށް މާބޮޑު ގެއްލުމެއް ދެވިފައެއް ނުވެއެވެ.
އެމެރިކާއިން އައިއެސްގެ ވަކިވަކި ފަރުދުން މެރިނަމަވެސް ރަޝިޔާއިންވަނީ ސޫރިޔާގައިވާ އައިއެސްގެ އަސްކަރީ އަދި އިގްތިސާދީ ގިނަ މަރުކަޒުތަކާއި ހަތިޔާރުގެ ގުދަންތައް ހަލާކުކޮށްލާފައެވެ. (ނޫސްއެޖެންސީތައް)