09 Mar 2016, 09:35
ރިޔާޒް (މާޗް 9) : ޔަމަންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެގައުމުގެ އިދިކޮޅު ހޫޘީ ޖަމާއަތާއި ސައޫދީ އަރަބިޔާ އިން ވާހަކަތައް ދައްކަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޔަމަނުން ލިބޭ ޚަބަރުތައް ބުނާގޮތުން ޔަމަންގެ ހަނގުރާމައިގާ އެއްވެސް ބަޔަކަށް ކާމިޔާބުނުލިބި އެގައުމުގެ ހަނގުރާމަ ދިގުލަމުންދާތީ ހޫޘީ ޖަމާއަތާއި ސައޫދީ ސަރުކާރުންވަނީ ސުލްޙައިގެ ވާހަކަތައް ފަށައިފަ އެވެ. މިވާހަކަތަކުގައި ބައިވެރިވާ ހޫޘީ ޖަމާއަތުގެ ދެ ލީޑަރުން ސައޫދީގެ ވެރިރަށް ރިޔާޒުގައި މިހާރު އެބަތިއްބެވި ކަމަށް ރޮއިޓާސް ބުނެ އެވެ. ޔަމަންގެ ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ބާރުތަކާއި ހޫޘީ ޖަމާއަތުގެ ގުޅިފައިވާ ބާރުތަކާ ސައޫދީ އިސްވެ އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަންއާ ދެމެދުގަ އެވެ.
މިއީ އަރަބި ކޯލިޝަނެއްގެ ގޮތުގައި ސިފަކުރިނަމަވެސް މިކޯލިޝަންގެ ގާތްގަނޑަކަށް 90 ޕަސެންޓް ސައޫދީ ބާރުތަކެވެ. އަރަބި ކޯލިޝަނުން ޔަމަންގެ ހަނގުރާމަ ފަތަހަކުރުމަށް މައިގަނޑުގޮތެއްގައި ހަނގުރާމަ ކުރަމުން ގެންދަނީ ވައިގެމަގުންނެވެ. އެކޯލިޝަނުން ޔަމަނަށް ދެމުންގެންދާ ވައިގެ ހަމަލާތަކަށް އަހަރެއްވާން ގާތްވެފައިވާ އިރު ޔަމަންގެ ބޮޑެތި ސިޓީތަކާއި މަދަނީ އަދި އަސްކަރީ އިންފްރާސްޓަރަކްޗާ ވަނީ ވަރަށްބޮޑަށް ހަލާކުވެ ވީރާނާވެފަ އެވެ.
މިއާއެކު ވެސް އެއްގަމު މަގުން ހަނގުރާމަކުރުމަށް ސައޫދީން ފަސްޖެހޭތީ ވެރިރަށް ސަންއާ ވެސް އަރަބި ކޯލިޝަނަށް އަތުލެވިފައެއްނުވެ އެވެ. އަދި ސައޫދީންގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް މަންސޫރު ހާދީގެ ސަރުކާރުގެ ކޮންޓްރޯލް ވެސް ޔަމަންގެ ގިނަ ސަރަހައްދުތަކަށް ހިންގިފައެއް ނުވެ އެވެ. ރޮއިޓާސް ބުނާ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމަށް ސައޫދީންނަށް މަޖްބޫރުވީ އެމެރިކާ އާއި ޔޫރަޕްގެ ފިއްތުންތަކުގެ އިތުރުން ޔަމަންގެ ހަނގުރާމަ އަވަސް ގޮތަކަށް ކާމިޔާބުކުރުމަށް ސައޫދީން ރޭވި ރޭވުންތައް ވެސް ނާކާމިޔާބުވެ ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެ ސައޫދީ ބަޖެޓަށް ވެސް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ. މީގެއިތުރުން ސައޫދީ އިސްކޮށް އޮވެގެން ޔަމަންގައި ކުރަމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަދެފާނެ ކަމުގެ އިންޒާރެއް އީރާނުން މިހަފްތާގައި ވަނީ ދީފަ އެވެ.
އީރާނުގެ ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފްގެ ނައިބު ޖެނެރަލް މަސްއޫދުލްޖަޒާއިރީ ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަށް އީރާނުން އެހީވަމުންދާ ގޮތަށް ޔަމަންގެ ހޫޘީ ޖަމާއަތަށް އެހީތެރިވާން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އީރާނަކީ އަމިއްލައަށް ހަތިޔާރު އުފައްދާ ގައުމަކަށްވެފައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތްވުމުގެ އިތުރުން ހުޅަނގުގެ ބޮޑެތި ގައުމުތަކާއި އީރާނުގެ ގުޅުންތައް ރަނގަނޅުވެފައިވުމަކީ ތެލުގެ އަގު ދަށްވެފައިވާ މިދަނޑިވަޅުގައި ސައޫދީން ޖެހިލުންވާ ކަމެކެވެ. އަދި ސައޫދީ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަވެފައިވާތީ ސައޫދީންގެ ނުފޫޒު އެމެރިކާގައި ވަނީ ކުރިއާއަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފަ އެވެ.
އެހެންކަމުން ޔަމަންގައި އީރާނުން ހިންގާނެ ކަމަށް ބެލެވޭ އަސްކަރީ ހަރަކާތްތަކަށް އެމެރިކާއާއި ޔޫރަޕުން އަޅާނުޅާނެކަމާއި ނިމުމެއްނެތް ދިގުލީ ހަނގުރާމައެއްގައި ތާށުވެދާނެ ކަމުގެ ބިރު ސައޫދީން ގެންދަނީ އިޙްސާސް ކުރަމުން ކަމަށް ރިޕޯޓްތައްބުނެ އެވެ.
ސައޫދީން ޔަމަނަށްދޭ ވައިގެ ޙަމަލާތަކުގައި ކުށެއްނެތް އާންމުން މަރުވަމުންދާތީ ސައޫދީ އަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ގަރާރެއް ޔޫރަޕިޔަން ޕާލަމެންޓުން ވެސް ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހޫޘީ ޖަމާއަތުގެ ވަފްދެއް ރިޔާޒްގައި ސައޫދީ މަސްއޫލުވެރިންނާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ. އަދި ދެފަރާތުގެ ދެމެދުގައި ދެކެވެމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ސީރިޔަސް ވާހަކަތަކެއްކަމަށް ޚަބަރު ތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)