ސައުދީ އަރަބިއްޔާ އިން އެކުލަވާލާފައިވާ އިސްލާމީ ލަޝްކަރުން "ތަންޑާ އޮފް ދަ ނޯތު"ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރޭ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ހަތަރު ދުވަހަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުގައި އެ ލަޝްކަރުގެ އަސްކަރީ ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބައްލަވާލައްވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މިތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

"ތަންޑަރ އޮފް ދަ ނޯތު"ގެ އަސްކަރީ ތަމްރީނުތަކުގައި އޮބްޒާވަރުންގެ ހައިސިއްޔަތުން ސިފައިންގެ ޓީމެއް އަންނަނީ ސައުދީގައި ހަރަކާތްތެރި ވަމުންނެވެ.

ދިވެހިރާއްޖެ ހިމެނޭ ގޮތަށް 20 ގައުމެއް ބައިވެރިވާ އަސްކަރީ އެލަޔަންސްގެ ތަމްރީނުތައް ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ.

އެ ތަމްރީނުތަކުގައި ޓެރަރިޒަމާ ދެކޮޅަށް ގުޅިފައިވާ ގައުމުތަކުން މަސައްކަތްކުރާނެ ގޮތްތަކާއި ހުނަރުތައް އަމަލީ ގޮތުން ދަނީ ފަރިތަކުރަމުންނެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ އެލަޔަންސެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ގިނަ ގައުމަކުން ބައިވެރިވާ އެންމެ ބޮޑު ލަޝްކަރެވެ.