09 Mar 2016, 08:30
ޑިޒްނީގެ ތްރީޑީ އެނިމޭޓޭޑް ފިލްމު "ޒޫޓޯޕިއާ" މާރިޗް ހަތަރުވަނަ ދުވަހު އެމެރިކާގައި ރިލީޒް ކުރެވި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރިމިއަރ ކުރެވުނު އިރު، މި ފިލްމު މި ވަނީ ބޮޑު ރިކޯޑެއް މުގުރާލައިފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޑިޒްނީއިން ނެރުނު އެނިމޭޓެޑް ފިލްމު "ފްރޯޒެން"ގެ ފުރަތަމަ ތިން ދުވަހު އެ ފިލްމަށް އެމެރިކާއިން ލިބުނު 67.4 މިލިޔަން ޑޮލަރަކީ، ޑިޒްނީގެ އެނިމޭޓެޑް ފިލްމަކަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ފައިދާ އެވެ. އެހެން ނަމަވެސް ޒޫޓޯޕިއާ ހުކުރު ދުވަހު ރިލީޒް ކުރެވުނު އިރު، މި ފިލްމުގެ ފުރަތަމަ ތިން ދުވަހު މިވަނީ އެމެރިކާއިން އެކަނި މިވަނީ 75 މިލިޔަން ޑޮލަރު ފައިދާގެ ގޮތުގައި ލިބިފަ އެވެ.
މީގެ އިތުރުން ޒޫޓޯޕިއާ ވަނީ ބޮކްސް އޮފީހުގެ އެއްވަނަ މަގާމު ހޯދައި، ގިނަ ބައެއްގެ މަގްބޫލުކަން ފާއިތުވި ހަފުތާތަކުގައާއި މިހާރުވެސް ލިބެމުން ދިޔަ ބޮޑެތި ބައެއް ފިލްމުތައް ބޮކްސް އޮފީހުގައި ދަށް ކޮށްލައިފަ އެވެ. އެގޮތުން، ޑެޑްޕޫލާއި ކުންގ ފޫ ޕެންޑާ 3 ފަދަ ގިނަ ބައެއްގެ މަގްބޫލުކަން ލިބިގެން ދިޔަ ފިލްމުތައް ވަނީ ބޮކްސް އޮފީސް ލިސްޓުގައި ދަށަށް ޖެހިލައިފަ އެވެ.
ޒޫޓޯޕިއާ ފިލްމު ބިނާވަނީ، ޖަނަވާރުން އުޅޭ ސަހަރެއްގައި ފުލުހަކަށް ވުމަށް އަންހެން މުސަޅެއް ކުރާ މަސައްކަތާއި، އޭނާއަށް އޭނާގެ ވަޒީފާގެ މާހައުލާއި ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކާއި، އޭނާއާއި މެދު މީހުން ބަހައްޓާ އިމްތިޔާޒުތަކާއި ތަފާތުކުރުންތަކަށެވެ.
މި ފިލްމުގައި ފުލުހެއްގެ ގޮތުގައި ފެނިގެންދާ މުސަޅު އޮފިސަރ ޖޫޑީ ހޮޕްކިންސްގެ އަޑު އަޅައިދީފައި ވަނީ، މަގްބޫލު ޓީވީ ސީރީޒް ވަންސް އަޕޯން އަ ޓައިމްގައި މޭރީ މާގަރެޓް ބްލެންޗާޑްއާއި ސްނޯ ވައިޓްގެ ރޯލު ކުޅެދޭ ތަރި ޖިނިފާ ގުޑްވިން އެވެ. އަދި އޭނާއާއި އެކު ފިލްމުގައި ފެނިގެންދާ ފޮކްސް ނިކް ވައިލްޑްގެ ވޮއިސް އެކްޓަރަކީ ފިލްމީ ތަރި ޖޭސަން ބޭޓްމަން އެވެ.
މަސްދަރު:ބޮކްސް އޮފީސް މޯޖޯ