08 Mar 2016, 22:47
އިގްތިސާދީ ގޮތުން އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވިމެން އޮން ބޯޑްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫއިން މިއަދު ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އަންހެން ކަނބަލުންގެ ކުރިއެރުމަށް އާ ފުރުސަތުތައް ހޯދައިދީ، އެކަނބަލުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ގޮތުން، ވިމެން އޮން ބޯޑްސް އާއި ގުޅިގެން މަސައްކަތް ކުރުމުގައި ޕްލެޓިނަމް ޕާޓްނަރަކަށްވުމުގެ އެއްބަސްވުމުގައި މިއަދު އެ ކުންފުނިން ސޮއިކޮށްފައިވާ ކަމަށެވެ.
ވިމެން އޮން ބޯޑްސްއަކީ، އަންނަން އޮތް ޖީލުތަކުގެ އަންހެނުން އިގްތިސާ ދީ ގޮތުން ބާރުވެރިކޮށް، ރާއްޖޭގެ އެކި ފަންތީގެ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި އެންޖީއޯ އެކެވެ.
އުރީދޫއިން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ބޭނުންވާ އިގްްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި އެ ދެ މުއައްސަސާއިން ހިންގޭ ޙަރަކާތްތަކުގައި ދެ ފަރާތުން ވެސް އެއްބާރުލުންދޭނެ ކަމަށެވެ.
އުރީދޫ އިން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ ކުންފުނިން ވަނީ، މޮބައިލް އިންޑަސްޓްރީގައި ޖިންސީ ފަރަގު ކުޑަކުރުމަށްޓަކައި ކަނެކްޓަޑް ވިމެން ކޮމިޓްމަންޓްގައި ސޮއި ކުރި އެންމެ ފުރަތަމަ ޖީއެސްއެމްއޭ އޮޕަރޭޓަރުންގެ ތެރޭ ހިމެނިގެން ގޮސްފައި ކަމަށެވެ. އަދި ބުނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީީ ލަނޑުދަނޑިކަމަށްވާ ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އަންހެން ކަސްޓަމަރުންގެ އަދަދު އިތުރުކޮށް އަންހެނުން ބާރުވެރި ކުރުމުގައި އެ ކުންފުނިތަކުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޑިޖިޓަލް އަދި މާލީ ގޮތުން އަންހެނުންގެ ބައިވެރިވުން ދިވެހިރާއްޖޭގައި އިތުރުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާއިރު ވިމެން އޮން ބޯޑްސާއެކު ގުޅުމެއް އުފެދުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަންހެނުންގެ ކުރިއެރުމާއެކު، މުޖުތަމަޢު އާއި އިޤްތިޞާދާއި ވިޔަފާރިތައް ވެސް ކުރިއަރާ. މޮބައިލް ޓެކްނޮލޮޖީގެ ސަބަބުން އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތުލިބި ހުވަފެންތަކަށް ވާޞިލްވުމަށް ހިތްވަރު ލިބޭ. ޑިޖިޓަލް އަދި މާލީ ގޮތުން އަންހެނުންގެ ބައިވެރިވުން ދިވެހިރާއްޖޭގައި އިތުރު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ވިމެން އޮން ބޯޑްސް އާ ގުޅުމުގެ އުފާ ލިބުމަކީ، އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.
އުރީދޫ އާއި ވިމެން އޮން ބޯޑްސް ގުޅިގެން ވަނީ "ސްމާޓް އައިޑިއާސް ފޯ ވިމެން" ގެ ނަމުގައި ހާއްސަ ޗެލެންޖެއް މިިދިޔަ އަހަރު ކުރިއަށްގެންގޮސްފައެވެ.
އެ ޗެލެންޖަކީ ދިވެހި އަންހެނުންނަށް މިވަގުތު ދިމާވަމުންދާ ގޮންޖެހުންތައް ދިރާސާކޮށް، ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެކަންކަމަށް ޙައްލެއް ގެނެސްދިނުމަށްޓަކައި ފޯރުކޮށްދެވިދާނެ ތަފާތު ސްމާޓް ސޮލިއުޝަން ތަކާމެދު ހޭލުންތެރިކޮށްދީ، އެ ކަމަށް އެހީތެރިވި ޕްރޮގްރާމެއް ކަމަށް އުރީދޫއިން ބުންޏެވެ.