08 Mar 2016, 22:23
އަންހެނުން ބާރުވެރިކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ސުލްހަވެރި އަމާން ވެއްޓެއް ގާއިމްވުން ކަމަށް އެޓާނީ ޖެނެރަލް އަދި ލޯ އެންޑް ޖެންޑާ މިނިސްޓަރު މުޙައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ އެ މަސައްކަތުގެ ނަތީޖާއަކަށް ވާނީ އެހީތެރިކަމާއި ރައްކާތެރިކަން ލިބުން ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމިއްޔަތުގައި އިންސާނީ ހައްގުތަކާއި އިގުތިސާދީ ފުދުންތެރިކަމާއި ގެވެށި އަނިޔާ ހުއްޓުވުމާއި އަންހެނުން ބާރުވެރިކުރުމަށް މިކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ސުލްހަވެރި އަމާން ރައްކާތެރި މާހައުލެއް ގާއިމްކުރެވިގެން ދިއުން. އެހީތެރިކަމާއި ރައްކާތެރިކަން ލިބުން،" އޭނާ ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ދިވެހި އަންހެނުންނަކީ ގައުމު ބިނާކުރުމުގައި އެ ކަނބަލުންގެ އެހީތެރިކަން އަބަދު ވެސް ދެއްވާ ބައެއްކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ކަނބަލުންނަކީ ކުރިމަތީގައި ހުރި ގޮންޖެހުންތައް ގިރާކޮށް ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ހިތްވަރާ އެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ.
"ބަވަނަ ވަމުން އަންނަ ދުނިޔެއެއްގައި، ހުޅުވާލެވިފައިވާ އިގުތިސާދެއްގައި ފައިހަމަކުރަމުން ދަނީ ކެރިގެން ހިތްވަރާއި އެކުގައި ކަން ފާހަގަކުރަން،" ދިވެހި އަންހެނުންނަށް ތައުރީފު ކުރައްވަމުން އަނިލް ވިދާޅުވި އެވެ.
ގައުމަށް ލާބަޔާއި މަންފާ ކުރަނިވި ނަމޫނާ އަންހެނުންނަށްދޭ ރެހެންދި އެވޯޑް މިރޭ ލިބިވަޑައިގަންނަވާ ބޭކަނބަލުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޭޖީ ވިދާޅުވީ އަންހެނުން އާއްމުކޮށް އަންހެނުން މަސައްކަތް ނުކުރާ ދާއިރާތަކުގައި މަސައްކަތް ކުރައްވާ ކަނބަލުން، އެވޯޑް ލިބިވަޑައިގަންނަވާ ކަނބަލުންގެ ތެރޭގައި ހިމެނޭތީ އުފާ ކުރައްވާ ކަމަށެވެ.
މިރޭގެ ހަފުލާގައި ރެހެންދި އެވޯޑް ލިބިވަޑައިގެންނެވީ ނުވަ ބޭކަނބަލަކަށެވެ. އެބޭކަނބަލުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.