އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް ބަހުސް ވެސް ކެންސަލްކޮށްފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ، އެ ބަހުސް ކެންސަލްކުރީ އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ޑރ. އިބްރާހިމް ދީދީ އެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ޕާޓީގެ ސެކްރެޓޭރިއެޓަށް މިއަދު އެންގެވުމާ ގުޅިގެން ކަމަށެވެ.

ބަހުސުގައި ބައިވެރިވެވަޑައިނުގަތުމަށް ޑރ. ޑީޑީ ނިންމެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް، އެމަގާމަށް ވާދަކުރައްވާ އިބްރާހިމް ހުސެއިން ޒަކީ ހުންނެވީ ބަހުސުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ކަމުގައިވެސް ޝާހު ވިދާޅުވި އެވެ.

ރޭ ބާއްވަން ހަމަޖެހިފައި އޮތް އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ބަހުސް ކެންސަލްކުރީ، އެ މަގާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ބަހުސް ބޯއިކޮޓް ކުރެއްވުމާ ގުޅިގެންނެވެ.

އެ ބަހުސް ބޭއްވުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައިވަނިކޮށް ބަހުސުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް އަލްހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދި ޓީވީ އާއި ރާއްޖެ ޓީވީން ބާއްވަން އުޅުނު ދެ ބަހުސްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަނގަބަހުން ކުރިން ދެންނެވި ނަމަވެސް އެ ދެ ބަހުސާ ގުޅިގެން މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އާއި ނާޖާއިޒު ބައެއް ނުފޫޒު އެކަމުގެ ތެރެއަށް ވަދެފައިވާ ކަމަށް އޭނާ އަށް ލިބިވަޑައިގެންފައިވާ ސައްހަ މައުލޫމާތުގެ އަލީގައި ގަބޫލު ކުރެއްވޭތީ ބަހުސްގައި ބައިވެރިވެ ވަޑައިނުގަތުމަށް ނިންމެވީ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ އެންމެ އިސް ދެމަގާމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ބާއްވަން އުޅުނު ބަހުސުގެ މައްސަލަ ހޫނުވެފައިވަނީ، ހަމަ ރައީސާއި ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސެއް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ރެއާއި މިރޭ ބޭއްވުމަށް ދިޓީވީން ހަމަޖައްސައިފައިވަނިކޮށް، އެމާލަން ރާއްޖެ ޓީވީއަށް ހައުންސިން މިނިސްޓްރީން ދޫކޮށްލުމާ ގުޅިގެންނެވެ. އޭރު ދިޓީވީން އޮތީ ބުކިން ވެސް ހަދައިފަ އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ، ދި ޓީވީން ފޯނުން އެތަން ބުކް ކުރި ނަމަވެސް ފައިސާ ނުދައްކައި އޮތުމުން ކުރިން ފައިސާ ދެއްކި ބަޔަކަށް އެތަން ދޫކޮށްލީ ކަމަށެވެ.

ދިޓީން މިހާރު ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ހުށަހަޅައިފި އެވެ.