އަންހެނުންގެ ހައްގުތައް ހޯދަން ޖެހޭނީ ބަޔަކު ދީގެން ނޫން ކަމަށާއި އެ ހައްގުތައް ހޯދުމަށް ހަށިފޮޅާލައި ތެދުވެ ބަސް ބުނަން ޖެހޭ ކަމަށް (އެމްޑީއޭ)ގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ނެރުނު ބަޔާނެއްގައި ރަފިއްޔާ ވިދާޅުވެފައި ވަނީ އަންހެން ދަރިންނާ މެދު ޣާފިލު ނުވެ، އެ ކުދީންނަށް ރަނގަޅު ތައުލީމެއް ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އަންހެން ދަރިންނަކީ ކެރުންތެރި ބައެއްގެ ގޮތުގައި ބޮޑު ކުރެވޭތޯ ގަދަ އަޅައި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ރަފިއްޔާގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

"...މި އަމާނާތާމެދު ޣާފިލުނުވެ ޒިންމާދާރު ބައެއްގެ ގޮތުގައި އެ ދަރިން ހަރުދަނާ ތައުލީމެއް ދީ މުޖުތަމައުގައި ކެރުންތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް އެގޮތުގައި އެ ދަރިން ބޮޑުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވުމަށް މިފުރުސަތުގައި ގޮވާލަމެވެ،" ރަފިއްޔާގެ ބަޔާނުގައިވެ އެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި ބަސް ބުނަން ކެރޭ ބަޔަކަށް ދިވެހި ކޮންމެ އަންހެން ކަނބަލަކުވުމަށް ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށެވެ.

"...އަޅުގަނޑުމެން އަންހެނުންގެ ހައްގުތައް ހޯދަންޖެހޭނީ އެ ހައްގުތައް މީހަކު ނުވަތަ ބަޔަކު ދީގެން ނޫން ކަމަށާއި އެ ހައްގުތައް އެއީ އަޅުގަނޑުމެންނަށް މިލްކުވާންޖެހޭ ހައްގުތަކެއްކަން ގަބޫލުކޮށް އެ ހައްގުތައް ހޯދުމަށް ހަށިފޮޅާލައި ތެދުވެ މުޖުތައްގައި އަބުރުވެރިކަމާއެކު ބަސްބުނަން ކެރޭ ބަޔަކަށް ދިވެހި ކޮންމެ އަންހެން ކަނބަލަކުވުމަށް މިއަދު ހިތްވަރު ލިބިގަތުމަށް އިލްތިމާސް ކުރަމެވެ،" ރަފިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރަފިއްޔާގެ ބަޔާނުގައި އަންހެނުންގެ ދުވަހުގެ ތަހުނިޔާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާހީމާއި އެމްޑީއޭގެ ކަނބަލުންނާއި ރާއްޖޭގެ އެންމެހައި ކަނބަލުންނަށް ވަނީ ފޮނުވާފައި ވެއެވެ.