08 Mar 2016, 22:19
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަތޮޅު ތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރުމުގައި ބޮޑެތި އިހްމާލުތަކެއް ވަމުން އަންނަ ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން ބުނެފިއެވެ.
އެފްއޭއެމް އިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ދެއްކެވި ވާހަކަފުޅު ކުށްވެރި ކުރައްވައި ނިއު މިއަދު ނުރުނު ބަޔާނެއްގައި ބުނީ ޝަވީދުގެ އެ ވާހަކަފުޅަކީ އެ ކްލަބާ ދެމެދު އޮތް ދުވަސްވީ ޒާތީ ނަފްރަތެއްގެ ސަބަބުން އެ ކުލަބުގެ އަގު ވައްޓާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ނިއު އިން އެހެން ބުނެފައިވާ އިރު މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު ރާއްޖޭގެ އެކި ހިސާބުތަކުން 27 ކްލަބެއްގެ 44 މަންދޫބުންނަށް ދޭން ފާސްކޮށްފައެވެ.
ނަމަވެސް މާލެގައި ކުޅޭ އެއްވަނަ ޑިވިޝަނުގެ ކުލަބުތަކުގެ މަންދޫބުންނާއި ދެވަނަ ޑިވިޝަންގެ ތިން ކުލަބާއި ތިންވަނަ ޑިވިޝަނުގެ ދެ ކުލަބުގެ މަންދޫބުން ބައިވެރިކޮށްގެން ބޭއްވި ކޮންގުރެސްގައި ނިއު އިން ވަނީ އަތޮޅު ތަކުގެ ކުލަބުތަކުން އެފްއޭއެމްގް އިންތިހާބްގައި ވޯޓް ނުލެވޭނެ ކަަމަށް އިސްލާހު ހުށަހަޅައި އެ އިސްލާހު ފާސްކޮށްފަ އެވެ.
އެ އުސޫލު ބަދަލުކުރަން ނިއު އިން ހުށަހެޅި އިސްލާހު ފާސްވުމުން ޝަވީދު ވަނީ ނިއު އަށް ފާޑުވިދާޅުވެ މިއީ ފުޓްބޯޅައަށް ކަޅު ދުވަހެއް ކަމަށް ވިދާޅުވެފަ އެވެ.
ނިއުގެ ބަޔާނުގައި އެ ކުލަބުން ބުނީ ދިވެހި ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ސްޕޯޓަރުން ހިމެނޭ އެއް ކްލަބަށް ވީ ހިނދު އެ ކްލަބުން، ދިވެހި ފުޓްބޯޅަ އަށް ގެއްލުންވާނެފަދަ ގޮތަކަށް، ވަކި ބަޔަކު ހިތްހަމަޖެއްސުމަށް ނުވަތަ ސިޔާސީ ގޮތުން ވަކި ބަޔަކަށް ކުރިއެރުމެއް ހޯދައިދިނުމުގެ މަގުސަދުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
ނިއު ރޭޑިއަންޓްގެ އަބަދުވެސް އަމާޒަކީ ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުން ކަމަށާއި އެ ކުލަބުން ހުށައެޅި އިސްލާހްތަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ 13 ކުލަބުން ވެސް ތާއިދުކުރުމަކީ ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އެ ކުލަބުން ގެނައި އިސްލާހްތަކެއް ކަމަށް ހުރިހާ ފަރާތްތަކަށް ވެސް ގަބޫލް ކުރެވުން ކަމަށެވެ.
ނިއު އިން ނެރެނު ބަޔާނުގައި ބުނީ އަތޮޅުތަކުގެ ކްލަބުތައް ތަމްސީލްކުރުމުގެ ބަދަލުގައި މިނިވަން 50 މުބާރާތް ކުޅުނު ރަށްތަކުގެ ކައުންސިލް މެންބަރުން ވޯޓްލާ އުސޫލުން އޮތުމުން ދިވެހި ފުޓްބޯޅަ ކުރިއެރުމުގެ ބަދަލުގައި ސިޔާސީވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.