08 Mar 2016, 18:47
މީގެ 38 ދުވަސް ކުރިން މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހުގެ ހެނދުނު ކަޓަމަރާނެއްގައި ށ. ފޭދޫ އަށް އުފަން އަބްދުލްގަފޫރު އަލީ (ގައްބެ) 42، މާލެއިން ފުރީ ރާއްޖޭގެ ތާރީހުގައި އާ ސަފުހާއެއް ކަޓަމަރާނީގެ މޯހިރުން ފަސްއެނބުރި އެ ދުވަހު ގައްބެ ބަލާލުމުން އޭނާގެ އަމާޒު ހުއްޓިފައި ހުރީ ހަނައަޅަމުންދިޔަ އޭނާގެ އާއިލާއެވެ. އިއްޒުއްދީން ފާލަމުގައި ތިބި އަންހެނުންނާއި ދަރިފުޅަށެވެ. ދަރިފުޅުގެ ގައިގައި ބައްދާލައި އަންހެނުންނަށް ބޮސްދިނުމަށްފަހު ގައްބެ މާލެއިން އެ ދުވަހު ފުރީ، ކުޑައިރުގެ ހުވަފެން ހަގީގަތަކަށް
ކަނޑުމަތީގައި 304 ގަޑިއިރު ހޭދަކޮށް، 40 އަށް ވުރެ ގިނަ ރަށަށް ދަތުރު ކުރުމަށްފަހު ގައްބެ އެނބުރި މިއަދު މާލެ އައީ މިއަދު ހަވީރު 4:5 އެހާކަންހާއިރު އެވެ. އިއްޒުއްދީން ފާލަން އޮތީ އާއިލާ އާއި ރައްޓެހިންނާއި ސަޕޯޓަރުންތަކުން ތޮއްޖެހިފަ އެވެ. ނުދަންނަ އެތައް ބަޔަކު ގައްބެއަށް މަރުހަބާ ކިޔުމަށް ޖަމާވެފައި ތިބީ ގައްބެގެ ހިތްވަރަށް ސާބަސް ދިނުމަށެވެ. ގައްބެގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މޫނުމަތިން ވަރުބަލިކަން އިހްސާސް ކުރަން ޖެހުނު ނަމަވެސް، އޭނާގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ.
މާލޭ ބަނދަރުގެ ނެރުން ވަނުމަށްފަހު ގައްބެ ފުރަތަމަ ވެސް ޝުކުރުގެ ސަޖިދައެއް ކުރި އެވެ. ރާއްޖެ ވަށައި ބުރު ޖެހުމަށް އޭނާ ކުރި ދަތުރުގައި ވެސް ނަމާދު ކުރި އެވެ. ދީނުގެ ވާޖިބުތައް ގައްބެ އަދާ ކުރާކަން އެނގުމުން، އޭނާއަށް ލިބޭ ލޯބި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ.
އެއް ނަންބަރު ފާލަމަށް ކަޓަމަރާނީގައި ގާތްކުރުމަށްފަހު އޭނާގެ ފިރިހެން ދަރިފުޅު އޭނާގެ ކަޓަމަރާނަށް އެރުވި އެވެ. ދަރިފުޅު ގައިގައި ވަރަށް ބާރަށް ބައްދާލި މަންޒަރު ފެނުނެވެ. އެއަށްފަހު ފާލަމަށް އަރައި ހަމަ އެގޮތަށް ގައްބެގެ އަނބިމީހާ ގައިގައި ބައްދާލި އެވެ. އާއިލާގެ މެންބަރުން ތިބީ ގައްބެއާ ސަލާމްކޮށް އެފަދަ ގޮތަކަށް ބައްދާލަން ކެތްމަދުވެފަ އެވެ. އާއިލާގެ މެންބަރުން ގައްބެ ކައިރިއަށް ދިޔައެވެ. އެތައް ބަޔަކާއެކު ފޮޓޯ ނަގައި އެ މީހުންގެ ހިތް އުފާކޮށްދިނުމަށްފަހު ދެން އޭނާއަށް ބައްދަލުވީ އޭނާ ދަތުރުކުރި ކަޓަމަރަނީ ހަދިޔާ ކުރި ވޯޓާ ސްޕޯޓްސް ވޯލްޑްގެ ވެރިޔާއާ އެވެ.
އޭނާގެ ގައިގައި ގައްބެ ބައްދާލީ ފެންކަޅިވެފައި ހުރެ އެވެ. އެވަގުތު ހަނދާނަށް އައީ އޭނާ ފުރި ދުވަހު ފެނުނު މަންޒަރެވެ. އެ ދުވަހު އާއިލާގެ މެންބަރުންގެ މޫނުމަތިން އަދި ގައްބެގެ މޫނުމަތިން ވެސް ޖަޒުބާރުތަކެއް ފެނިގެންދިޔަ ނަމަވެސް، މިއަދު ގައްބެގެ ލޮލުން އަދި އާއިލާ މެންބަރުންނާއި އެކުވެރިންގެ ލޮލުން ކަރުނަ އައީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. ގައްބެއަށް ރޮވުނީ އެ ހިސާބުންނެވެ. އެ އުފާވެރި ޖަޒުބާތުގެ ތެރެއަށް އޭނާ ގެނބިގެން ދިއުމުންނެވެ.
ގައްބެ "ސަން"އަށް ބުނި ގޮތުގައި އެނބުރި މާލެއަށް އައިއިރު ކަނޑުމަތީގައި ކުރި ދަތުރުގެ ދިގުމިން 1905 ނޯޓިކަލް މޭލު ހަމަވާނެ ކަމަށެވެ. ކަނޑުމަތީގައި ގައްބެ ކައި އުޅުނީ ގިނަ އަދަދަކަށް ޕްރޮޓީން ހުންނަ ކެއްކި ކުކުޅު ބިހެވެ. ދަތުރުފެށިއިރު، ކަނޑުމައްޗަށް ނުކުތް ކޮންމެ ދުވަހަކު އޭނާ ކެއީ އަށް ކުކުޅު ބިހެވެ. ނަމަވެސް ފަހުން ކަނޑުމަތީގައި ކުރި ދަތުރުގައި އޭނާ ކެއީ ހަތަރު ކުކުޅު ބިހެވެ. ރަށްރަށަށް އަރައި ކައި ހެދުމުގައި ވެސް ގައްބެގެ ފިޓްނަސްއަށް ގެއްލުން ނުވާނެ ގޮތަށް ކެއުމުގެ އަމަލުތައް ބަހައްޓަ އެވެ.
ކޮންމެއަކަސް ކުޑައިރުއްސުރެ ގައްބެ ދެކެމުން އައި ހުވަފެން މިއަދު ހަގީގަތަކަށް ބަދަލުވެއްޖެ އެވެ. ހުވަފެނުގައި ވަރަށް ރަނގަޅަށް ވެސް ހަގީގީ ކުލަވަރު ޖެހިއްޖެ އެވެ. އެކަނިމާއެކަނި ކަނޑުގެ އެ ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރު ނިންމާލުމަށްފަހު މާލެއަށް އައިސް "ދަތުރު ކޮމްޕްލީޓް" ވީ ކަމަށް ޖަހާލީ ހިނިތުންވުމާ އެކީގަ އެވެ. ދިވެހި އެންމެހާ ރައްޔިތުންގެ މަރުހަބާ އާއި ޝުކުރު ވެސް މިއަދު ގައްބެއަށް ހައްގެވެ. ދިވެހި ދަރިއެއް މި ރީތި ގައުމުގެ ޒީނަތްތެރިކަން އެފަދަ ގޮތަކަށް މުޅި ދުނިޔެއަށް ދައްކާލި ކަމަށްޓަކަ އެވެ.