އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހު 1- 3 އަށް އިންޑިއާގެ ދިއްލީގައި ބޭއްވި ރައިސީނާ ޑައިލޮގުގެ އަރިމަތިން އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ޖައިޝަންކަރު ސަން އަށް ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"އެކަން ވަރަށް އަވަހަށްވާނެ،" އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ ކޮން އިރަކުންތޯ ދެންނެވުމުން ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެ ފިޔަވައި ސަރަހައްދުގެ ހުރިހާ ގައުމަކަށް އިންޑިއާގެ ބޮޑުވަޒީރު ވަނީ ވަޑައިގެންފަ އެވެ. ނަމަވެސް ރާއްޖެ އަށް ވަޑައިގެންފައެއް ނުވެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުވާ ކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރު ހާއްސަ ކުރެއްވީ އިންޑިއާ އަށެވެ. އަދި ރާއްޖޭގެ ކޮންމެ ޑިފެންސު މިނިސްޓަރަކު ވެސް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހާއްސަ ކުރައްވަނީ އިންޑިއާ އަށެވެ.

އިންޑިއާގެ ބައެއް މަސްދަރުތައް ބުނާ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ މިހާ ތަަނަށް ރާއްޖެ ވަޑައި ނުގެން ފަސް ކުރައްވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން އިންޑިއާ އަށް ގަބޫލު ނުކުރެވޭތީ އެވެ. އަދި ސްރީލަންކާ އާއި ސަރަހައްދުގެ ގިނަ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް މޯދީ ވަނީ ރާއްޖެ ވަޑައިނުގެންފަ އެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް، މޯދީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ މަސްދަރުތަކުން ވެސް ބުންޏެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި ދިވެހި ސަރުކާރު އޮތީ އެކަމަށް އެދިއެދި ކަމަށެވެ. އަދި އިންޑިއާއަކީ އަވަށްޓެރި ކަމުގެ ގޮތުން ވެސް ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.