އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތ. ވިލުފުށި އަދި ބ. އޭދަފުށީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ދެ ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 462،600 ރުފިޔާ ބިޑު ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުންފެށިގެން 148 ދުވަސް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 10 ޕަސެންޓު ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމު ކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމުގެ އިތުރުން އެޑްމިނިސްޓްރޭޝަން ބިލްޑިންގެއް އެޅުން ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ފައިސާ ބަލައިގަންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 8:30 އިން ފެށިގެން 1:30 އަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ދައްކައި ހަލާސް ކޮށްފައިވާކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށްފައިވާ ޓެކްސް ކްލިއަރެންސް ރިޕޯޓް ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެ ލިޔުން ވާންވާނީ، ބީލަން ހުޅުވާ ތާރީހުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަސައްކަތުގެ ޕްރީ ބިޑު މީޓިން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު 10:00ގައި އެ މިނިސްޓްރީގެ ޓެންޑާ ބޯޑުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.