ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް، ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މަހާސިންތާގެ ތިން ވަނަ ބުރު މި މާޗް މަހު ބާއްވަން ނިންމާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މަހާސިންތާގެ ތިން ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 17 18 އަދި 19 ވަނަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަހާސިންތާއާ ގުޅޭ ގޮތުން މުއާޒު ވިދާޅުވީ، މަހާސިންތާގެ ތިން ވަނަ ބުރު ހާއްސަކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށާއި އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ރައްޔިތުން ހިމެނޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ. އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މުއާޒު ވިދާޅުވީ، މަހާސިންތާގެ ތިން ވަނަ ބުރުގައި ވެސް ރައީސް ޔާމީން މަހާސިންތާގެ ބައިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މަހާސިންތާގެ ސެޝަންތައް ކުރިއަށްދާ އިރު އެތަނަށް ވަޑައިގެން ކަންކަން ކުރިއަށްދާގޮތް ބައްލަވާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ މަހާސިންތާގެ ރަޖިސްޓަރޭޝަންގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. ނަމަވެސް މި އަހަރު ރަޖިސްޓަރޭޝަންގެ ކަންކަން ކުރިއަށްދާނީ ޖަނަވަރީމަގުގައި ހުންނަ ކެމްޕޭން އޮފީހުގައި ކަމަށް މުއާޒު ވިދާޅުވި އެވެ.

އެ މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުން އެ ޕާޓީގެ މަންދޫބުން އެކަންޏެވެ.