08 Mar 2016, 16:09
އަންހެނުންނަށް އަނިޔާ ލިބޭހާ ހިނދަކު އާއިލާ އާއި ރަށް އަދި ގައުމު ވެސް ކުރި ނާރާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަނަސް(އެމްޑީއޭ) އިން ބުނެފި އެވެ.
އެމްޑީއޭގެ އަންހެނުންގެ މަޖިލީހުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންހެނުންނަށް ރަހުމު ކުޑަ ގޮތަކަށް އަނިޔާ ކުރެވެމުން ދިއުމަކީ މިއަދުގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ.
"ފާއިތު ވެދިޔަ އަހަރު ގދ. ތިނަދޫގައި ވަރަށް ރަހުމު ކުޑަ ލާއިންސާނީ އަނިޔާތަކެއްގައި އަންހެން ކަނބަލެއް މި ދުނިޔެ ދޫކޮށްފައި އެވަނީ އެ އިންސާނާއަށް އަނިޔާއެއް ހައްގުވާ ކޮން ފަދަ ކުށެއް އޮވެގެންތޯ." އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އާއިލާއެއްގެ ހަމަޖެހުން، ޝައްކުތަކާއި ވަހުމުން އެއްކިބާވެ ކުރިއަށް ދާނީ އެ އާއިލާއެއްގައި ތިބި އަންހެން ދަރިންނަށް ދެވޭ ސަމާލުކަން އިތުރުކޮށްގެން ކަމަށެވެ. އަދި އަންހެނުންގެ ހައްގުތައް ހޯދުމަށް އަންހެނުން މަސައްކަތް ކުރުމަށް ވެސް އެ ބަޔަނުގައި އިލްތިމާސްކޮށްފައިވެ އެވެ.
"އިލްތިމާސް މިކުރަނީ، އަޅުގަނޑުމެން އަންހެނުނަށް ގެއްލިފައިވާ ހައްގުތައް އެއްވެސް މީހަކު ދެއްވަފާނެ ކަމުގައި ދެކެވަޑައިގެން ނުތިއްބަވާ އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެންމެހާ ހައްގުތައް ހޯދުމުގައި ހިތްވަރާ އެކު ތެދުވެ ވަޑައިގެން ރިވެތި ގޮތުގައި ބަސްބުނުން ކެރޭ ބަޔަކަށް އަޅުގަނޑުމެން ކޮންމެ އަންހެނަކު ވެސް ވުމަށް." އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.