ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމަށް ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އޮފް މޯލްޑިވްސް (ފީމް)އާއި އިންޑިއާގެ ހައިކޮމިޝަނާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފީމްގެ ފަރާތުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާއާ ބައްދަލުކޮށްފި އެވެ.

އެބައްދަލުވުމުގައި ސަފީރު އަކިލޭޝް މިޝްރާ ވަނީ ގައުމު ބިނާ ކުރުމުގައި މަތީ ތައުލީމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ރާއްޖޭގައި ހުރި މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނާއި އިންޑިއާގެ ހައި ކޮމިޝަނާ އޮތް ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ޓެކްނިކަލް އެހީތެރިކަން ދިނުމާއި މަތީ ތައުލީމު ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސްތަކުގައި ބައިވެރިވުމާއި ބަސް އަދި ބަހުރުވަ ކުރިއަރުވާ ތަރައްގީ ކުރުމާއި މުދައްރިސުން ތަމްރީނު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އެބައްދަލުވުމުގައި ފީމްގެ ހިންގާ ކޮމިޓީއާއި ސަފީރު ވަނީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އިންޑިއާގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން އެހީތެރިކަން ހޯދުމާ ބެހޭ ގޮތުންނާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އަދި އެބައްދަލުވުމުގައި ފީމް އިން ވަނީ އެއެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކާއި ކުރިއެރުންތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަން ހާމަކޮށްފަ އެވެ. ފީމް އިން ހިންގާ، ރާވާ އެފަދަ ޕްރޮގްރާމްތަކާއި ހަރަކާތްތަކަށް އިންޑިއާ ހައި ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.

ބައްދަލުވުމުގައި ފީމްގެ ފަރާތުން ބައިވެރިވެލެއްވީ ފީމްގެ ރައީސް، ހަސަން އަބްދުﷲ ސައީދާއި ނައިބު ރައީސް، އަބްދުލް އަޒީޒު އިބްރާހިމާއި ސެކްރެޓަރީ ޑރ.އަހުމަދު ޝާހިދުގެ އިތުރުން ޑރ. އާމާލް އަލީ އާއި ޑރ.އަހުމަދު އަންވަރާއި އަހުމަދު ޝަރީފެވެ.

ފީމްގެ މެމްބަރުންގެ ގޮތުގައި ހަ ކޮލެޖާއި ހަތަރު އިންސްޓިޓިއުޓް ހިމެނެ އެވެ. ފީމްގެ މަގުސަދުތަކުގެ ތެރޭގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި ތައުލީމީ ފުރުސަތުތައް އިތުރުކުރުމާއި ތައުލީމީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމާއި މީހުން ބިނާކުރުމާއި ބޮޑު ހިއްސާއެއް އަދާކުރުން ހިމެނެ އެވެ. އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުތައް ކުރިއެރުވުމަށް އެހީތެރިވުމާއި ފީމްގެ މެމްބަރު ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުން ހިމެނެ އެވެ.