08 Mar 2016, 20:04
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނަ މެޗުގައި މޫސުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް އެއްވެސް ދުލެއް ނުދޭނެ ކަމަށް މިޔަންމާގެ ޔަންގޮން ޔުނައިޓެޑެގެ ކޯޗު މާޔަން ސެކުލޯވްސްކީ ބުނެފި އެވެ.
މާދަމާގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ އެ ޓީމަށް ކުރިމަތި ވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ގަދަ ހޫނުގެ މައްސަލަ ކަމަށާއި އެހެން ނަމަވެސް ކުރީގެ ތަޖުރިބާގެ އެހީގައި އޭނާގެ ޓީމު މެޗެގެ ތެރެއަށް ވައްދާނެ ކަމަށެވެ.
"މޫސުމުގެ ސަބަބުން މާޒިޔާ އަށް ވަރަށް ބޮޑޮށް ފައިދާ ކުރާނެ. ނަމަވެސް މި ޓީމުގަ މިތިބަ ކުޅުންތެރިންނަކީ އެފަދަ ހާލަތެއްގައި ވެސް ކުޅެން ދަންނާނެ ބައެއް. އަހަރެންގެ ފުރިހަމަ އިތުބާރު އިބައޮތް މި ކުޅުންތެރިންނަށް،" ސެކުލޯވްސްކީ ބުންޏެވެ.
މީގެ ކުރިން ތިންފަހަރެއްގައި އޭއެފްސީ ކަޕްގައި ރާއްޖެ އައިސްފައިވާ ކޯޗު ބުނީ ރާއްޖޭގެ ފުޓްބޯޅައަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ގޮތުން މާޒިޔާގައި އެއް ކުޅުންތެެރިން ފިޔަވައި ދެންތިބީ ހުސް ދިވެހި ކުޅުންތެރިން ކަމަށެވެ.
"އަހަރެމެން މި ނިކުންނަން ޖެހެނޭ ރާއްޖޭގެ ގައުމީ ޓީމާ. އަހަރެންގެ ޓީމު އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނަން. ވަރަށް ރަނގަޅަށް ތައްޔާރު ވަމުން މި އަންނަނީ މާދަމާގެ މެޗެއް،" ސެކުލޯވްސްކީ ބުންޏެވެ.
ޔަންގޮން އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 2-1 ގެ ނަތީޖާ އަކުން ސައުތު ޗައިނާ އަތުން މޮޅުވެފަ އެވެ. ސެކުލޯވްސްކީ ބުނީ މާދަމާގެ މެޗަށް ވެސް އެ ޓީމް ނުކުންނަނީ މާޒިޔާއަށް ރަނގަޅު ފައިޓެއްދީ މެޗުން މޮޅުވާން ކަމަށެވެ.
މާޒިޔާ ދެކޮޅަށް ޔަންގޮން ޔުނައިޓެޑް ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައި މާލޭ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.