ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލް އަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސަން އަށް ވިދާޅުވީ މިވަގުތު އަދީބު ހުންނެވީ ދޫނިދޫގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލްގައި ކަމަށެވެ.

އޮފިސަރު ވިދާޅުވީ އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވަނީ ހޯމް އެފެއަޒް އިން ކަނޑައަޅާ ތަނެއްގައި ކަމަށާއި ދޫނިދު އަށް ބަދަލު ކުރީ ވެސް އެ ނިންމުމާ ގުޅިގެން ކަމަށެވެ.

އަދީބު އެންމެ ފުރަތަމަ ވެސް ބަހައްޓާފައި ހުރީ ދޫނިދޫގަ އެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައި ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ.

އަދީބު އަލުން ދޫނިދު އަށް ބަދަލުކޮށްފައިވާ އިރު ދޫނިދޫގައި ހުންނަވާ ގޮޅީގައި އަވަހާރަފުޅުލައްޕަވަން ޖެހިވަޑައިގަންނަވަނީ ދެ ފޫޓުގެ އައްޓެއްގައި ކަމަށް އެމަނިކުފާނު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ އިސްކޮޅުގައި ފަސް ފޫޓާއި ނުވަ އިންޗި ހުންނަ އިރު، ދޫނިދޫ ގޮޅީގައި އަވަހާރަފުޅުލައްޕަވަން ވަރަށް އުނދަގޫ ކަމަށް އަދީބު އޭރު ވިދާޅުވި އެވެ.