އަތޮޅުތަކުގެ ސްކޫލުތަކުގައި ޒަމާނީ ފެންވަރުގެ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ނުވަ ސްކޫލަކާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގައި އެ ހިދުމަތް ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 2.77 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އައިޑީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ އެ މަޝްރޫއަކީ ވޯލްޑް ބޭންކްގެ އެންހޭންސިން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީއީޑީޕީ)ގެ ދަށުން ހިންގާ މަޝްރޫއުއެއް ކަމަށެވެ. އަދި މިއަދު އެ ކުންފުންޏާ އެކު ވި އެއްބަސްވުމުގެ ދަށުން ކުރިން 10 އަތޮޅެއްގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް އަޕްގްރޭޑް ކުރުން ވެސް ހިމެނޭ ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއިލް އަލީ އެވެ. އަދި އައިޑީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ސޮފްވާން އަހްމަދެވެ.

ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގާއިމުކުރުމަށް މިއަދު ހަވާލުކުރި ސްކޫލްތަކަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ރ. އަތޮޅު ތައުލީމީ މަރުކަޒާއި ކ. އަތޮޅު ތައުލީމީ މަރުކަޒާއި އއ. އަތޮޅު ތައުލީމީ މަރުކަޒާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި ފ. އަތޮޅު ތައުލީމީ މަރުކަޒާއި ވިލުފުށީ ސްކޫލް އަދި ތިނަދޫ އަބޫބަކުރު ސްކޫލްގެ އިތުރުން ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހް އެވެ.