ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސީއެޗްއެސްސީ ގެ ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ.

އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ސީއެޗްއެސްސީ އަދި ޔުނިސެފު ގުޅިގެން ކުރިއަށް ގެންދާ އެ ސެޝަންތައް ފެއްޓުމަށް ކުރީގެ ދަރުމަވަންތަ ސުކޫލުގައި ބޭއްވިި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާކުގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީ ވިދާޅުވީ، އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދީ އެ ކުދިން ބާރުވެރި ކުރުވުމަކީ މުޅި މުޖުތަމައުއަށް އޭގެ މަންފާ ކުރާނެ ކަމެއް ކަމަށެވެ.

"ކުޑައިރުން ފެށިގެން އަންހެން ކުދިންނަަށް އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދެވިއްޖެ ނަމަ މުޅި ދުނިޔެއަށް ހެޔޮ ބަދަލެއް ގަނައުމުގެ ގާބިލުކަން އެ ކުދިންނަށް ލިބޭނެ ކަން ޔަގީން،" ޒެނީޝާ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސީއެޗްއެސްސީގެ ދަރިވަރުން ހޭލުންތެރި ކުރުވުމަށް ހިންގާ ސެޝަންތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ތެރެއިން --- ސަން/ފޮޓޯ

އޭނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އަންހެނުންގެ ކުރިއެރުމާއި ތަރައްގީގެ ރޮނގުން އެތަކެއް ކާމިޔާބީއެއް ދިވެހި ރާއްޖެއިން ހާސިލުކޮށްފައިވާ ކަމަށެވެ.

"2014 ވަނަ އަހަރު ތަސްދީގު ކުރެވުނު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު، މިހާރު މަޖިލީހަށް ހުށައަޅާފައިވާ ދެ ޖިންސު ހަމަހަމަ ކުރުމުގެ ގާނޫނު ފާހަގަ ކޮށްލަން." ޒެނީޝާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުތަކުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ދިވެހިރާއްޖެ އިން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސީއެޗްއެސްސީގެ ދަރިވަރުން ހޭލުންތެރި ކުރުވުމަށް ހިންގްާ ސެޝަންތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ތެރެއިން --- ސަން/ފޮޓޯ

ސީއެޗްއެސްސީގެ 500 އެއްހާ ދަރިވަރުންނަށް އަމާޒު ކޮށްގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެޝަންތަކުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ހަރަކާތްތެރިވެ އުޅުމުގެ މުހިއްމު ކަމާއި، ފުރާވަރު ކުދިން މުސްތަގުބަލަށް ތައްޔާރު ކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އާކު އިން ބުނެއެވެ.