މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަވި 12 މަސް ދުވަހުގެ މުއްދަތާއި ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް 6.63 ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން އިން ބުނެފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ނެރެފައިވާ މިދިޔަ މަހު މާލޭގެ މުދަލާއި ހިދުމަތުގެ އަގުތަކަށް އައި ބަދަލު ނުވަތަ ކޮންސިއުމާ ޕްރައިސް އިންޑެކްސް )ސީޕީއައި( ހިސާބުތައް ދައްކާ ގޮތުން 2009 އޭޕްރިލް އިން 2010 މާޗްގެ ނިޔަލަށް ހިނގި 12 މަސް ދުވަހުގެ މުއްދަތާ އަޅާބަލާ އިރު 2010 އޭޕްރިލުން 2011 މާޗުގެ ނިޔަލަށް، މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާ އިރު އަހަރުގެ އިންފްލޭޝަން ރޭޓް 6.12 ޕަސަންޓަށް މައްޗަށް ގޮސްފައިވެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ބުނީ، 2010 އޭޕްރިލް އިން 2011 މާޗުގެ ނިޔަލަށް ބަލާއިރު، މައިގަނޑު ގޮތެއްގައި އަގުމަތިވެފައި ވަނީ ކާބޯތަކެތީގެ ބައިންނާއި ގޭގެ ކުއްޔާއި ގެދޮރު މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރަށް ފެނާއި ކަރަންޓާއި އަދި ތެލުގެ ބައިން ކަމަށެވެ.

ވޭތުވެދިޔަ 12 މަސްދުވަހާއި އޭގެ ކުރީގެ 12 މަސްދުވަހާ އަޅާބަލާއިރު ކަރާސީނާއި ތެޔޮ އަދި ކައްކާ ގޭހުގެ އަގުތައް ވަނީ 11 ޕަސަންޓާއި 16 ޕަސަންޓުން މަތިވެފައި ކަމަށް ވެސް ޕްލޭނިންގް އިން ބުނެ އެވެ. އަދި އެ މުއްދަތުގެ ތެރޭ ގޭގެ ކުލީގެ އަގުތައް ވަނީ ފަސް ޕަސަންޓަށް އުފިލިފައިކަން ވެސް ޕްލޭނިންގ އިން ފާހަގަކުރެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާ އިރު މި އަހަރުގެ މާޗް މަހުގައި ހިދުމަތްތަކާއި މުދަލުގެ އަގުތައް ބޮޑުވީ 5.68 ޕަސަންޓުންކަމަށް ޕްލޭނިންގެ ހިސާބުތަކުން ދައްކަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބެލިކަމުގައިވިޔަސް އެ އަދަދު ވަނީ 5.24 ޕަސަންޓަށް މަތިވެފަ އެވެ.

ޕްލޭނިން އިން ބުނީ، މިދިޔަ މާޗް މަހާ އަޅާބަލާ އިރު މި އަހަރުގެ މާޗް މަހު ތެރޭ އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައި ވަނީ ތައުލީމުގެ ބައިން ކަމަށެވެ. އެއީ 23 ޕަސަންޓެވެ. އަދި މަހުގެ އަގުތައް 14 ޕަސަންޓަށް ވަނީ މައްޗަށް ގޮސްފަ އެވެ. އެހެނިހެން ކާބޯތެކެތީގެ އަގުތައް މަތިވީ އަށް ޕަސަންޓުންނެވެ.

މިދިޔަ މާޗު މަހު އޭގެ ކުރީ މަހާ އަޅާބަލާއިރު އިންފްލޭޝަން ރޭޓް 0.63 ޕަސަންޓުން މަތިވެފައިވާ ކަމަށް ވެސް ޕްލޭނިން އިން ބުނެ އެވެ.