08 Mar 2016, 15:35
ދ. މީދޫ އާއި ލ. މާބައިދޫގައި މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ދެ މިސްކިތަކީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެދަށުން ބިނާކުރާ ދެ މިސްކިތެވެ. އެގޮތުން ދ. މީދޫގައި ގާއިމްކުރާ މިސްކިތުގައި 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ އިރު ލ. މާބައިދޫގައި ބިނާކުރާ މިސްކިތުގައި 500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.
މީދޫގައި މިސްކިތެއް ބިނާކުރުމަށް ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ އެވެ. ދުއިސައްތަ ފަންސާސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކުރީ ޖުމްލަ 6،988،596.33 ރުފިޔާ އަށެވެ.
މާބައިދޫގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރީ ހަމްދު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި 175 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 6،976،704.48 ރުފިޔާ އަށެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިޔާދު އެވެ.
ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ޕްރޮޖެކްޓްތަކަށް ޖުމްލަ 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.