އޭއެފްސީ ކަޕްގައި މާދަމާ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި 13 ދުވަހު ހުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލާފައިވާ އިރު ސުޒޭން ބުނީ، ގިނަ ދުވަސްތަކެއް ގައި ކުޑަ ގޮޅިއެއްގައި އޮވެފައި ތިން ދުވަހުގެ ޓްރެއިނިން އަކުން އޭނާ ފިޓެއް ނުވާނެ ކަމަށެވެ.

"އަޑުބަރޭ މާދަމާގެ މެޗުގައި ކުޅޭނެ ކަމުގެ އެއް ޕަސެންޓް އަޅުގަނޑަށް ދެވޭނީ. އަޅުގަނޑަކަށް ތިން ދުވަހުގެ ތެރޭގައި އޭނާއެއް ތައްޔާރެއް ނުކުރެވޭނެ. މިކަހަލަ ވަރުގަދަ މެޗެކަށް ފިޓެއް ނޫން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، އަޑުބަރޭ އަކީ އާދަޔާ ހިލާފަށް ހިތްވަރު ކުރާ ތަފާތު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފަރާތުން ފިޓްނަސް އެއްވެސް މައްސަލައެއް ފެންނަށް ނެތް ނަމަވެސް ޕްރެޝަރު މެޗެއް ގައި ކުޅެން ފެށުމުން އެކަން ވަރަށް ރަނގަޅަށް ފެނިގެން ދާނެ ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ވެސް ބަންދުގައި ހުރުމުގެ ސަބަބުން އަޑުބަރޭ ކުޅެފައިނުވާ އިރު އޭނާ ނެތް ތަން ފޫބައްދަން މާޒިޔާއަށް އުނދަގޫވި ކަމަށާއި ނަމަވެސް އެހެން ކުޅުންތެރިންގެ ރިޕްލޭސްމެންޓް މާޒިޔާގައި އެބަހުރި ކަމަށް ސުޒޭން ބުންޏެވެ.

"އަޑޭ ކުޅުވާ ތަނަށް ކުޅުވާނެ އިތުރު ކުޅުންތެރިއަކު ނެތް. ނަމަވެސް އަސަދުﷲ ނެތްތަން ފޫބައްދަން އަހުމަދު ރަޝީދު (އަމްމަޑޭ) ލާ އިރު، އޭނާ އަކީ ތަފާތު މޮޅު ސްޓްރައިކަރެއް. އެއް މެޗަށް ދެ މެޗަށް އެ ކުޅުންތެރިން ވަރަށް ރަނގަޅަށް ބޭނުން ކުރެވޭނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ، މިހާރުގެ އަމާޒު ހުރީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ތިން ވަނަ މެޗަށް އޭނާ ރަނގަޅަށް ތައްޔާރު ކުރަން ކަމަށެވެ.