ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފި އެވެ.

މިއަދު މަޖިލީހަށް އެ މައްސަލަ ވައްދާފައި ވަނީ 19 މެމްބަރުންގެ ސޮއިއާ އެކު އެވެ.

އެމްޑީޕީގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ސަން އަށް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެއްދި މިވަގުތު މާލޭގައި ތިއްބެވި އެމްޑީޕީގެ ހުރިހާ މެމްބަރުންނާ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ސޮޔާ އެކުގައި ކަމަށެވެ.

އެމްޑީޕީ އިން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީ ްއިން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށް ވެފައި، މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވާއިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ އިރު ވެސް މަސީހް ތަކުރާރުކޮށް އެ ގަވައިދުތަކާ ހިލާފުވެ މަޖިލީހުގެ ގަދަރާއި ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ގާނޫނު އަސާސީ އާ މުޅިން ހިލާފު ގާނޫނުތައް ހަދަމުން އަންނަ ކަމަށާ އެކަމުގެ މޭސްތިރިއަކީ ވެސް މަސީހް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ އެތައް ހައްގެއް ނިގުޅައިގަންނަމުން އަންނަ އިރު އެކަމުގެ މެދުވެރިއަކަށް މަޖިލިސް ވެފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގެ މުގުލުގައި ހުންނެވީ ވެސް މަޖިލީހުގެ ރައީސް ކަމަށް މިއަދު ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހަށް މިއަދު ވެއްދި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ މަސީހް މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު ގަސްތުގައި އަދާނުކުރެއްވުމުގެ ސަބަބުން މަޖިލީހުގެ ނިޒާމް ގެއްލިގެންދާ ވަގުތުތަަކުގައި މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތުދީ، މާރާމާރީއާ އަދި އެނޫން ވެސް ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް މަޖިލީހުގެ ރައީސް އަމަލު ކުރަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން މަޖިލީހުގައި މައިނޯރިޓީގެ ހައްގުތައް ނިގުޅައިގަނެ، މައިނޯރިޓީގެ ބާރު ކަނޑުވާލާ ތަފާތު ކުރުން ގެންގުޅުމާއި، މެޖޯރިޓީ އިން މަޖިލީހުގައި "ހިތުހުރި ގޮތަކަށް" އަމަލު ކުރުމުގެ ފުރުސަތު މަސީހް ދެއްވާފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ ދަށުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އޭނާ އަކީ މަޖިލިސް މެދުވެރިކޮށް ސަރުކާރުގައި ހުރި ޑިމޮކްރެޓިކް އުސޫލުތައް ނައްތާލައި ހުދުމުހުތާރު ވެރިކަމަކަށް ގައުމު ފުރޮޅާލުމަށް ކުރާ މަސައްކަތުގެ އެންމެ އިސް އެއް ބައިވެރިއެއް ކަމުގައި ބުނަމުންނެވެ.