08 Mar 2016, 14:38
ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އިދިކޮޅު އެމްޑީޕީން ދައްކަމުން ދަނީ ހުސް ބަަހަނާ ކަމަށާއި، އެމްޑީޕީ މަޝްވަރާތަކުގައި ބައިވެރި ކުރުމަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް ނަޝީދުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ސަރުކާރުން އެމްޑީޕީއަށް ދިން ދައުވަތު އެމްޑީޕީން ގަބޫލް ނުކުރުމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މަޝްވަރާތައް ކުރުމަށް އެކިގޮތްގޮތުން ފުރުސަތު ހުޅުވާލުމުން ވެސް އެމްޑީޕީގެ ފަރާތުން ދަނީ ތަފާތު ވާހަކަތައް ދައްކަމުން ކަމަށާއި އަދި އެެއްވެސް އިހްލާސްތެރިކަމެއް ހުރިތަން ނުފެންނަ ކަމަށެވެ.
"އެމްޑީޕީއަކުން ވާހަކަ ދެއްކުމަކަށްވެސް އަދި ގައުމުގެ ކުރިއެރުމަކަށްވެސް ރައްޔިތުންގެ އިޖްތިމާއީ ތަރައްގީއަކަށްވެސް އެއްވެސް ކަމަކަށް ހަގީގަތުގައި އިހުލާސްތެރިކަމެއް ނެތް. އެހެން ނޫން ނަމަ އަޅުގަނޑުމެންނާއެކު މަޝްވަރާތައް ކުރަން، އަޅުގަނޑުމެން ކަންތައްތަކުގެ ވާހަކަ ދައްކަން ހުރި ހިޔާލު ތަފާތުވުންތައް ނައްތާލުމަށްތަކައި މި މޭޒު ކައިރިއަށް ވަޑައިގަތީސް،" މިނިސްޓަރު ވިދާޅުވިއެވެ.

އަނެއްކާވެސް ސަރުކާރުން މަސައްކަތް ކުރާނީ ޕާޓީތަކާއި ރާއްޖެއިން ބޭރުގެ ފަރާތްތައް މެދުވެރިކޮށްގެންވެސް އެމްޑީޕީ މަޝްވަރާއަށް ގެނައުމަށް ކަމަށާއި ސަރުކާރުގެ މަސައްކަތް ހުއްޓައި ނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަޝްވަރާއަށް އެމްޑީޕީން އަތުވެއްޖެ ނަމަ ރައީސް ނަޝީދުގެ މައްސަލައިގައި އޮތީ ކޮންކޮން ހައްލެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، އެވާހަކަ ދައްކަން ބޭނުންވަނީ ނޫސްތަކުގައި ނޫން ކަމަށާއި އެކަން ކުރުމަށް ބޭނުންވަނީ އެމްޑިޕީ އާ ކަމަށެވެ.
އެމްޑީޕީއަށް އެންމެ އުނދަގޫކަމަކީ ރައީސް މުހައްމަދު ނަޝީދު ހައްޔަރުގައި ހުރުން ކަމަށްވާއިރު އެކަމަށް ހައްލު ހޯދުމަށް އަންނާށޭ ބުނުމުން ނައުމަކީ ރައީސް ނަޝީދަށް އިހުލާސްތެރިބައެއް އެ ޕާޓީގައި ނެތުން ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދަށް އިހުލާސްތެރިބަޔަކު ތިބިނަމަ އެކަމަށް ބާރު އަޅައިގެން މަޝްވަރާއަށް ވަޑައިގަތުމަށް ޝައިނީ ވިދާޅުވިއެވެ.
އެ މަޝްވަރާތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު އިއްޔެ ސަން އަށް ވިދާޅުވީ، އެމްޑީޕީން މަޝްވަރާއަށް ދާނެ ގޮތް މީގެ ކުރިންވެސް ސަރުކާރަށް އަންގާފައިވާ ކަމަށާއި އެއީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުން ކަމަށެވެ.
ސަރުކާރުން އިސްވެ އޮވެ ސިޔާސީ ޕާޓީތަކާ އެކު ފެށި މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީއާ އަދާލަތުން ބައިވެރިނުވުމުން އެ ދެ ޕާޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ.