ރާއްޖެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާއިރު، އެކަމުގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތޯބު މެސެޖުގައި ރައީސް ވިދާޅުވީ ގައުމު ބިނާކޮށް ބައްޓަން ކުރުމުގައި ރާއްޖޭގެ އަންހެނުން އަދާކުރަމުންގެންދާ ދައުރު ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާ އިރު، އެކަމުގައި އަންހެން ކަނބަލުންގެ ޙިއްޞާ ނުހަނު ބޮޑެވެ." އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ވަރަށް ކުރިއްސުރެ ތަފާތު އެތައް ހިދުމަތްތަކެއް ދިވެހި ގައުމަށާއި މުޖުތަމައަށް ކުރަމުން އައިސްފައިވާ ބައެއް ކަމަށާއި އަދި މިއަދު އަންހެނުންގެ މަސައްކަތްތައް އެތައް ރޮނގަކުން އިތުރުވެ، ފުޅާވެފައިވާކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނުގެ ހިތާބުގައި ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއް ދެމުންގެންދާ އެއްކަމަކީ، އަންހެނުންގެ ހައްގުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަދި މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރުގެ ދަށުން، ޖެންޑާ އިކުއެލިޓީ ކަށަވަރު ކުރުމާއި، އަންހެނުންނާއި، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ހިތޯބުގައިވެ އެވެ.

އަންހެނުންގެ ދުވަހަށް މި އަހަރު އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "2030ވަނަ އަހަރަށް 50-50 ދުނިޔެއެއް: ޖިންސުގެ ހަމަހަމަކަން ގެނައުން އަވަސްކުރަމާ" އެވެ.

"އަދި އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތައިލުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ކަމާ ބެހޭ އިދާރާތަކުންނާއި، ޢާންމު ފަރުދުން ވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމައެހެންމެ، އަންހެނުން ވަޒީފާ އަދާކުރުމުގައި ހުރި ހުރަސްތައް ނައްތައިލުމަށާއި މަސައްކަތުގެ މާހައުލުންނާއި، މުޖުތަމައުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާއާއި ގޯނާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެންމެހައި ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.