08 Mar 2016, 16:20
ސިވިލް ސާވިސް ކޮމިޝަންގައި ވެރިންގެ ފެންވަރުގައި މަސައްކަތް ކުރާ އަންހެނުން އަދަދަކީ ތިންބައިކުޅަ އެއްބައި ކަމަށާއި ފިރިހެނުންނާ އެއްވަރަށް އަންހެނުންނަށް ވެސް ހަމަހަމަ ކަން ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ސިވިލް ސާވިސް ގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރި ކުރުވުމަށް ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި މިއަދު ބޭއްވި ސެޝަންގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ބަސް ކިއުމާއި ގޮތް ނިންމުމުގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ސިވިލް ސާވިސްގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، 2015 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 24،748 މުވައްޒަފުން ސިވިލް ސާވިސްގައި ހިދުމަތް ދެމުން ގެންދިޔަ. އޭގެ ތެރެއިން 54.7 އިންސައްތަ އަކީ އަންހެން މުވައްޒަފުން. އެހެންނަމަވެސް 45-65 ދެމެދު ގިނައީ ފިރިހެން މުވައްޒަފުން،" ޑރ.އަލީ ޝަމީމު ވިދާޅުވިއެވެ.
ޑރ. ޝަމީމް ވިދާޅުވީ، ވެރިންގެ ފެންވަރަށް ދާ އުމުރުގައި ވަޒީފާ ތަކުން އަންހެނުން ވަކިވާ ސަބަބު ވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.
"40 އިން މަތީގައި ވެރިންގެ ގޮތުގައި ތިބޭ މީހުންގެ އުމުރު ފާހަގަ ކުރެވެނީ. މި އުމުރަށް އަޅާއިރު އަންހެނުން ގެ އަދަދު ދަށް ވެގެންދާ ދިއުމަކީ އަޅުގަނޑުމެން ކޮމިޝަނުންވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމުގައި ދެކެން،"ޑރ. ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ އުމުރަށް ދިއުމުން އަންހެނުން ވަޒީފާތަކުގައި ދެމި ތިބޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކޮމިޝަނަށް ހުށައަޅައިގެން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ވޮލެންޓްރީ ރިޓަޔަމަންޓަށްވެސް ދެވޭ. އެހެނިހެން ގޮތުންވެސް ވަޒީފާދޫކޮށްލާ އަންހެނުންގެ އަދަދު ދަށަށް މި ދަނީ ކީއްވެތޯ އަޅުގަނޑުމެން ބަލަން ޖެހޭ. ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކަންކަން ވެގެންދާ ގޮތެއްތޯ ވެސް ބަލަން އެބަ ޖެހޭ." ޑރ.އަލީ ޝަމީމު ވިދާޅުވިއެވެ.