26 Apr 2010, 11:56
14:30
ލާމަރުކަޒީ ބިލުގައި ހިމެނޭ ޕްރޮވިންސްތަކުގެ މަފްހޫމް އުވާލުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
މެންބަރުން މި ގަރާރަށް ވާހަކަ ދައްކަވައި ނިންމެވުމުން ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެއްލެވުމަށް ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓަށް އެއްސެވުމުން އެވަގު ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. ނަމަވެސް ނުފެންނަ ކަމަށް 38 މެންބަރުން ވޯޓުދެއްވި އެވެ. މިގަރާރު މަޖިލީހަށް ބަލައިގަތުމަށް ބޭނުންވަނީ 37 ވޯޓުކަމުން ގަރާރު މަޖިލީހުގެ ދަޅުމުން ވަނީ ބޭރުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުން ދޭ ހިދުމަތްތައް ރާއްޖޭގެ ހަތް ސަރަހައްދަކަށް ބަހާލައިގެން ދިނުމަށް ލާމަރުކަޒީ ބިލުގައި ހިމަނާފައިވާ މަފްހޫމަކީ، ގާނޫނު އަސާސީއާ ހިލާފް މަފްހޫމެއްކަމަށް ބުނެ އެ ބިލު ދިރާސާކުރި ކޮމިޓީން އެ މަފްހޫމު އުނިކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ މާނަކުރުމުގެ މައްސަލަ އާއި ގާނޫނެއްގެ ސައްހަކަމާއިމެދު ސުވާލު އުފެދޭ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސްޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ގާނޫނުއަސާސީ ބުނެފައިވާތީ، އެ މަފްހޫމަކީ ގާނޫނުއަސާސީއާ ހިލާފް މަފްހޫމެއްތޯ މާނަކުރުމަށް ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓީގެ ލަފައެއް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
މި ގަރާރަށް ދާއީދުކުރައްވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަނާ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން މިގަރާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވި އެވެ.
ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މި ގަރާރުގައި ސުވާލު އުފެދޭ އެތައްކަމެއް ހިމެނޭ ކަމަށެވެ. އަދި މި ގަރާރު ހުށަހެޅުއްވި މެންބަރު ވަނީ ވަރަށްބޮޑަށް އިތުރުފުޅުހައްދަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގަރާރުގައި ބުނެފައިވާ ވާހަކަތަކަކީ، ދޮގު ވާހަކަތަކެއް ކަމަށާއި، އެ މަފްހޫމް ބިލުން އުނިކޮށްފައި ވަނީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ގާނޫނު އަސާސީއާ ހިލާފްނުވާ މައްސަލައެއްގައި ބިލުގައި ހަތް ސަރަހައްދު ހިމަނަން ސުޕްރީމް ކޯޓަށް ނޭންގޭނެ ކަމަށާއި، މިގަރާރަކީ ރައްޔިތުންގެ އަތްމައްޗަށް ބާރުވެރިކަން ދިއުމަށް ހުރަސްއެޅުމުގެ ގޮތުން ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވެސް އެ ބިލު ދިރާސާކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ވަހީދު ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، މި މައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމުގައި ގައުމުގެ މަސްލަހަތު އޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަކީ ސުޕްރީމް ކޯޓުން އަންގާގޮތަކަށް ކަންތައް ކުރަންއޮންނަ ތަނަކަށް ކުރިމަގުގައި ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީ ވެރިކަމަށް ގެނައީ އެ ޕާޓީގެ މެނިފެސްޓޯއަށް ރައްޔިތުން ގަބޫލުވެގެންކަމާއި އެކަންތައް ކުރތިއަރުވަން މެންބަރުން އެއްބާރުލުން ދެއްވަންޖެހޭނެ ކަމަށް އެމްޑީޕީން ބުނާއިރު ވަކި މެނިފެސްޓޯއެއް ކުރިއަރުވަން ނުވަރަ ސަރުކާރުގެ ސިޔާސަތަށް ތަބާވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގައި ނޯންނަ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މި ގަރާރަކީ މަސައްކަތް ލަސްކުރުމަށް ހުށަހަޅުއްވައިގެން އުޅޭ ގަރާރެއް ކަމަށެވެ. އަދި އެމްޑީޕީން މެނިފެސްޓޯގެ ވާހަކަ ދައްކާއިރު ރިޔާސީ އިންތިހާބުގައި ރައްޔިތުން އެއްވެސް ބައެއްގެ މެނިފެސްޓޯއެއް ގަބޫލުކޮށްފައިނުވާ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. އަދި މި ގަރާރު މަޖިލީހުން ބޭރުކޮށް ބިލުގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ވެސް ގާސިމު އެދިވަޑައިގެންނެވި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، މިފަދަ ކަމެއްގައި ސުޕްރީމް ކޯޓަށް ދާންއުޅުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިކަމުގައި ރައްތިތުންގެ ވޯޓަކަށް ދިއުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ ނަމުގައި ގަވާއިދެއް ފާސްކޮށްދިނުމަށް މެންބަރަކު ހުށަހެޅުއްވި ގަރާރު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.