ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ބަލައިގެންފައި ވަނީ 46 މެމްބަރުންގެ ތާއިދާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެެވެ.

އެ މަޖިލިސް އެކުލަވާލައްވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި އިސްލާމިކް ޔުނިވާސިޓީގެ މަޖިލީހުގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުން ހިމެނޭ ގޮތަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ބޭނުމަކީ ފިގުހީ އައު މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުން ކަމަށެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވާން ޖެހޭނެއެވެ.

ދީނީ ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއުކުރާ ފަތުވާތަކުގައި ފުރިހަމަވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލަށް ބަހުސް ކުރަމުން ގިނަ މެމްބަރުން ވަނީ ބިލަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް، ބައެއް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް މިހާރު އޮތް ގޮތަށް ބަދަލުގެންނަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.