08 Mar 2016, 13:49
ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށާއި ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ލޯން އޮފިސަރު ޑރ. ޓާއޯ ރެން އެވެ.
އެ ލޯނު މެދުވެރިކޮށް ޕްރޮޖެކްޓް ހިންގުމަށް ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސޮއިކުރެއްވިއިރު ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްއެވެ.
އެ ލޯނާ ގުޅޭގޮތުން ސަން އިންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ލޯނު ބޭނުން ކުރަން ނިންމާފައިވަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮޖެކްޓްތަކާއި ރަށްތަކުގެ ކަރަންޓް ވިއުގަ ހަރުދަނާ ކުރަން ކަމަށެވެ. ހަމައެއާއެކު މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމަށްވެސް އެ ޕްރޮޖެކްޓްގެ ދަށުން މަސައްކަތް ކުރާނެ ކަމަށް މަތީނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށްއޮތް ތިން އަހަރު ތެރޭގައި އަތޮޅުތެރޭ ރަށްތަކުގައި ބޭނުންކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ނިންމާފައިވާއިރު އެ ޕްރޮޖެކްޓުގެ ތެރެއިން އެ ޕްރޮޖެކްޓަށް ޚަރަދު ކުރެވިގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވީ، އެ ލޯނުގެ ސަބަބުން ފެނަކައިގެ ބަޖެޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މިއަދު އެއްބަސްވި އެ ލޯނަކީ 15 އަހަރު ތެރޭގައި އަނބުރާ ދަށްކާގޮތަށް 3.31 އިންޓްރެސްޓް ރޭޓާއެކު ދީފައިވާ ލޯނެކެވެ.