08 Mar 2016, 13:18
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭގެ ދެވަނަ މެޗުގައި މާދަމާ ހަވީރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު ހުރިހާ އެޑްވާންޓޭޖެއް ވެސް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހެނދުނު އޮތް ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސްޒޭން ބުނީ، ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެފައިވުމުން އެކަން ހަނދާން ނައްތާލުމަށް މާދަމާގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެ މެޗަށް ނިކުންނައިރު ހުރިހާ އެޑްވާންޓޭޖެއް ވެސް އޮތީ މާޒިޔާ އަށް ކަމަށެވެ.
"ރާއްޖޭގައި ކުޅޭ މެޗެއް ކަމަށް ވުމުން އަބަދުވެސް އަޅުގަނޑުމެންގެ މީޑިއާ އޮވޭ ޓީމްތަކުގެ ފަހަތުގައި. އެކަމުގެ ސަބަބުން ޓީމް މޯޓިވޭޓް ކޮށްލުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑު. އޭގެ އިތުރުން މި ދަނޑަކީ ވެސް ބޭރުގެ ޓީމްތަކާއި ކުޅެން ބަލާއިރު އަޅުގަނޑުމެންނަށް މާ ފަރިތަ ދަނޑެއް،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އެހުރިހާ ސަބަބުތަކަކާއި އެކު މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމާމެދު އުންމީދު ކުރާ ކަމަށާއި މި މުބާރާތުގައި އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ ކުރިއަށް އޮތް ތިން މެޗު ވެސް ކާމިޔާބް ކުރުމަކީ މާޒިޔާ އަށް ލާޒިމް ކަމެއް ކަމަށެވެ.
މާދަމާގެ މެޗަށް މާޒިޔާ ނިކުންނައިރު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އިންޑިއާގެ މޯހަން ބަގާން އާދެކޮޅަށް ކުޅެ ވަނީ 5-2 ބޮޑު ތަފާތަކުން ބަލިވެފައެވެ. ސުޒޭން ބުނީ ހުރިހާ އެޑްވާންޓޭޖެއް މާޒިޔާއަށް އޮތް ނަމަވެސް މާދަމާގެ މެޗަށް ނިކުންނައިރު ވަރަށް ބޮޑު ޕްރެޝަރެއް ވެސް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން ސީޒަނުގައި ކުޅޭ މިއީ ދެވަނަ މެޗު. ނަމަވެސް އެހެން ޓީމްތަކަށް ވަނީ ސީޒަން ފެށި ގިނަ މެޗުތަކެއް ކުޅެފަ. ހުރިހާ އެއްޗެއް ލިބިފައިހުރި ޓީމްތަކާއި ކުރިމަތިލާ އިރު މާޒިޔާއަށް މައްސަލަތަކާއި ކުރިމަތިވާނެ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އޭއެފްސީ ކަޕަށް ނިކުންނައިރު ރާއްޖޭގެ ޓީމްތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ ލީގު ނުފެށި ވާދަވެރި ގިނަ މެޗުތަކެއް ނުލިބިހުރެ އެ މުބާރާތުގައި ވާދަކުރަން ޖެހުން ކަމަށެވެ.
ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައި މާލޭ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.