އަބޫޖާ (މާޗް 8): މީގެ ދެ އަހަރު ކުރިން ނައިޖީރިއާގެ ޗީފް އޮފް ޑިފެންސްގެ ގޮތުގައި ހުންނެވި އެލްކްސް ބާދޭ، އެ ގައުމުގެ އެއާފޯސް އިން 20 މިލިއަން ޑޮލަރު ވަގަށް ނެންގެވި ކަމަށް ދައުވާކޮށްފި އެވެ.

އެއާފޯސްގެ ފައިސާ ބޭނުންކޮށްގެން ގެއަކާއި ގެއަޅާނެ ބިމެއް ގަތުމާއި ޝޮޕިން މޯލްއެއް އެޅުމުގެ ތުހުމަތުގައި ބާދޭގެ މައްޗަށްކޮށްފައިވާ ހިޔާނަތްތެރިވުމުގެ 10 ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުން ވަނީ ބާދޭގެ ގެތަކުގެ ތެރެއިން އެއްގެއިން އެއް މިލިއަން ޑޮލަރުގެ ކޭޝް ހޯދައިފަ އެވެ.

ނައިޖީރިއާގެ ޗީފް އޮފް ޑިފެންސްގެ މަގާމު ބާދޭއަށް ލިބިލެއްވީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއާ ދެކޮޅަށް އަސްކަރިއްޔާ އިން އެކަށީގެންވާ މިންވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ އަސްކަރިއްޔާ އަށް ރައްޔިތުން ފާޑުކިޔަމުން ދިޔަ ވަގުތެއްގަ އެވެ. އަދި ގައުމުގެ ސިފައިން ދިޔައީ ބޯކޯ ހަރާމްއާ ހަނގުރާމަ ކުރަން ބޭނުންވާ ވަރަށް ހަތިޔާރު ނެތް ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

އެމައްސަލައާ ގުޅިގެން ނައިޖީރިއާ އިން ކުރި ތަހުގީގުތަކުން ދެއްކި ގޮތުގައި އަސްކަރިއްޔާ އަށް ބޭނުންވާ ހަތިޔާރު ގަތުމަށް ސަރުކާރުން ހަމަޖައްސާފައިވާ ދެ ބިލިއަން ޑޮލަރު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ނައިޖީރިއާގެ އެހެން ބައެއް އިސް އޮފިޝަލުންގެ މައްޗަށް ވެސް ވަނީ އަސްކަރިއްޔާ އިން އެތައް ބިލިއަން ޑޮލަރު ވަގަށް ނެގިކަމުގެ ދައުވާކޮށްފަ އެވެ. އެގައުމުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ 68 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއްގައި ކުރީގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު، ސާމްބޯ ޑަސޫކީގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ދައުވާކޮށްފަ އެވެ. (ބީބީސީ)