ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ފަސް ލެޑް ބޮކި ހަދިޔާކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކުރިއަށް އެބަގެންދެ އެވެ.

އެ މަސައްކަތަކީ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު އެނާޖީ ސޭވިން ތަކެތީގެ ބޭނުންކުރުން ފަހިކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ގޭގެއަށް ބޮކި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށްގެން ކަމަށެވެ.

އެގޮތުން ސަރުކާރުގެ ކުންފުނިތައް ކަމުގައިވާ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިޔުއެސްސީ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކަށް ބޮކިތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އެ ކުންފުނިތަކުން ކުރިއަށްގެންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް ބޮކި ފޯރުކޮށްދިނުމަށް އެފަރާތްތަކާއެކު ވިލަރެސް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކޮންމެ ރަށަކަށްވެސް ބޮކި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. އެގޮތުން އެރަށެއްގައި ކަރަންޓުގެ ހިދުމަތްދޭ ފަރާތްތަކުން އިއުލާން ކުރާ ގޮތެއްގެމަތިން މިމަހު 31ގެ ނިޔަލަށް އެކަމަށް އެދި ކޮންމެ ރަށެއްގައި ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ނަންނޯޓު ކުރަން ޖެހެއެވެ.

އެގޮތުން އެ ތާރީހުގެ ފަހުން ކޮންމެ ރަށަކަށްވެސް ބޮކިތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށާއި މިހާރު މާލޭގައި ގިނަ ފަރާތްތަކުން ބޮތްކަށް އެދި ހުށަހަޅަމުން ދިޔުމާއެކު ސްޓެލްކޯ މެދުވެރިކޮށް މާލެއަށް ބޮކި ބެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.