08 Mar 2016, 11:44
ކަންކަން ނިންމާ ފެންވަރުގައި ރައްޔިތުންގެ މަޖިލީހުގައާއި، ސަރުކާރުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ކޯޓާއެއް ކަނޑައެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އަންހެނުނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހިފައިވާ ކަމަށާއި ގައުމު ހިންގުމުގެ ކަންކަމުގައި އަންހެނުން އިސްނަގާ މިންވަރު އެދެވޭ ވަރަށްވުރެ އަދިވެސް އޮތީ ދަށްކޮށް ކަމަށެވެ.
އެޗްއާރްސީއެމް އިން ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ކުޑަކަން ފާހަގަކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގައި ޖުމްލަކޮށް ހަރަކާތްތެރިވަނީ އެންމެ ހަ ޕަސެންޓު އަންހެނުން ކަމަށާއި އެފަދަ ދާއިރާއަކަށް ނުކުންނަ އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިއަދުގެ ހާލަތު ރަނގަޅު ކުރުމަށް އަންހެނުންނަށް ލިބިފައިވާ ގާބިލުކަމާއި، ތައުލީމާ، ހުނަރާއި އަދި ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ މަގު ފަހިކޮށްދިނުމަކީ ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
"އަދި ކަންކަން ނިންމާ ފެންވަރުގައި ރައްޔިތުންގެ މަޖިލީހުގައާއި، ސަރުކާރުގެ މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ކޯޓާއެއް ކަނޑައެޅުމަށް ގޮވާލަމެވެ. އަދި ސިޔާސަތުތައް އެކަށައަޅައި، މި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކޮށް ހާލަތު ދެނެގަތުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް ދެކެމެވެ." އެ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އެޗްއާރްސީއެމް އިން ބުނީ ގައުމު ހިންގުމުގައި ބައިވެރިވުމަށް ލިބޭ މުހިންމު ފުރުސަތުތަކުގައި އަންހެނުންގެ އަޑު ފަނޑުވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އަންހެނުންގެ ނަފްސު ކުރިއެރުވުމަށާއި، ދައުރު ފުޅާކުރުމަށް ބޭނުންވާ ޒަރޫރީ ފުރުސަތުތަކުން އަންހެނުން އެކަހެރިވެގެން ދާހާ ހިނދަކު އަންހެނުން މުޖުތަމައުގައި ނިކަމެތިވެ އެކަހެރިވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލުކޮށްފައިވާ މީހެއް ކަމަށް ދިރާސާއަކުން ދައްކާފައިވާ އިރު، އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަނެ، މުޖުތަމައުއިން މިފަދަ އަމަލުތައް ފުހެލުމަށްޓަކައި އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅައި މަސައްކަތް ހަލުވި ކުރަންޖެހޭ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
"މިއަދުގެ ހާލަތު ރަނގަޅު ކުރުމަށްޓައި ހޭލުންތެރިކުރުމަށް ޕްރޮގުރާމްތައް ހިންގައި، އަންހެނުންނަށް ދިމާވާ ތަފާތުކުރުންތައް ނައްތާލުމަށް ދީނީ ޢިލްމުވެރިން ޝާމިލް ވާގޮތަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އަންހެނުންގެ ދުވަހަށް މިއަހަރު އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "2030ވަނަ އަހަރަށް 50-50 ދުނިޔެއެއް: ޖިންސުގެ ހަމަހަމަކަން ގެނައުން އަވަސްކުރަމާ" އެވެ.