ހދ. ނޮޅިވަރަމް ފެރީން މަސްތުވާތަކެއްޗާ އެކު ކުޅުދުއްފުށްޓަށް ދިޔަ މީހަކު 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ކުޅުދުއްފުށީ ކޯޓުން އިއްޔެ އެ ހުކުމް އިއްވާފައި ވަނީ ހދ. ކުޅުދުއްފުށީ ތާޖު އަހްމަދު ސަބާހުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ކުޅުދުއްފުށީ އުތުރު ބަނދަރަށް ގޮސްތިއްބައި ސަބާހު ނޮޅިވަރަމް ފެރީން ފޭބިވަގުތު އޭނާ ހައްޔަރުކޮށް ވެހިކަލަށް އަރުވައިގެން ގޮސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ބާލަން އުޅުނު ވަގުތު ވެހިކަލުގައި އޭނާ އިށީނދެގެން އިން ދިމާލުން ފެނުނު ސިނގިރެޓު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއަށް ސަބާހު އިއުތިރާފުވެފައިވާ ކަމަށެވެ.

ސަބާހު ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި ސަބާހަށް ވަނީ އަންގާފައެވެ.