މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ( މިފްކޯ)ގެ ވެރިންގެ ދަތުރުތަކަށް ކުރާ ހޭދަ މިހާރަށް ވުރެ ކުޑަކޮށް މުވައްޒަފުންގެ މުސާރަ އަށް 20 ޕަސެންޓް އިތުރުކޮށް ދިނުމަށް އެދި އެ ކުންފުނީގެ މުވައްޒަފުން ޕެޓިޝަނެއް ހުށައަޅައިފި އެވެ.

ކަންބޮޑުވާ މައިގަނޑު ހަތަރުކަމެއް ފާހަގަކޮށް މިފްކޯގެ މުވައްޒަފުން ހުށައެޅި ޕެޓިޝަންގައި ބުނެފައި ވަނީ މުވައްޒަފުންގެ އާދޭހަކީ މުސާރަ އަށް 20 ޕަސެންޓް އިތުރުކުރުން ކަމަށެވެ. އަދި ވަނީ ޕެޓިޝަން ހުށައަޅާތާ ތިން ހަފްތާވާ އިރު ޕެޓިޝަނަށް ޖަވާބެއް ނުދީފި ނަމަ ތިން ދުވަހުގެ ނޯޓިސް ދިނުމަށް ފަހު ހިމޭންކަމާ އެކު ހަޅުތާލު ކުރާނެ ކަމަށެވެ.
މިފްކޯގެ 107 މުވައްޒަފަކު ސޮއިކޮށް މިދިޔަ ހޮނިހިރު ދުވަހު މިފްކޯގެ ވެރިންނަށް ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައި ވަނީ ވެރިން މިދިޔަ އަހަރު ކުރި ދަތުރުތަކަށް އެކަނި ވެސް ހަ މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މިފްކޯގެ މުވައްޒަފުން ހުށައެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ފުރަތަމަ އެއް ކަމަކީ ކުންފުނީގެ އެސެޓްތައް ކުންފުނީގެ ވެރިންގެ އަޅާލުން ކުޑަވުމުގެ ސަބަބުން ހަލާކުވެފައިވާ މައްސަލަ އެވެ. އެގޮތުން ކޫއްޑޫ ކޯލްޑް ސްޓޯރޭޖްގެ ބަޔަކާއި އެތަނުގެ ތަފާތު އެހެން ބައެއް ތަކެތި މަރާމާތުކުރަން ބޭނުންވާ ސްޕެއަރޕާޓް ހޯދައި ނުދިނުމުގެ ސަބަބުން ތަކެތި މަރާމާތު ނުކުރެވި ވީރާނާ ވެފައިވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

މިފްކޯގެ މުވައްޒަފުން ފާހަގަކޮށްފައިވާ ދެ ވަނަ ކަމަކީ ކުންފުނީގެ ކުރިއެރުމަށްޓަކައި ރޭވި ބައެއް އައު މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރުމަށް ފަހު އެ މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ކުންފުނީގެ އާމްދަނީ ދަށަށް ދިއުމެވެ. އެގޮތުން މިދިޔަ އަހަރު އިއުލާން ކުރި އެކްއާ ކަލްޗާ މަޝްރޫއު ނުފެށި ވާކަން ފާހަގަކޮށްފައިވެ އެވެ.

ތިން ވަނަ މައްސަލައެއްގެ ގޮތުގައި ޕެޓިޝަންގައި ފާހަގަކޮށްފައި ވަނީ މިފްކޯގެ މުދަލާއި ތަންތަން މަދުވެ، އެކުންފުންޏަށް ފައިދާވާ ހަމައެކަނި ދެ މަސައްކަތަކީ ކަނޑުއޮތްގިރި ފިޝަރީޒް ވިލެޖާއި ފަސްމީރު ބްރޭންޑްގެ އުފެއްދުންތައް ވިއްކުން ކަމަށް ވުމާއި މުވައްޒަފުން މަދުކުރުމަށް ފަހު ދުވަހު މުސާރައަށް މަސައްކަތް ކުރުވާ މީހުންނަށް ހޭދަވާ ފައިސާ ގިނަ ވުމެވެ. އެގޮތުން އެކުންފުނީގައި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް ދުވާލަކަށް 2200 ރުފިޔާ، މަހަކަށް 66000 ރުފިޔާ ހޭދަވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.
މިފްކޯގެ މުވައްޒަފުން އެކުންފުނީގެ ވެރިންނަށް ހުށައެޅި ޕެޓިޝަންގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ޕެންޝަނަށް މުސާރައިގެ ހަތް ޕަސެންޓް ކަނޑާލުން ހިމެނެ އެވެ.

މިފްކޯގެ މުވައްޒަފުން އެކުންފުނީގެ ވެރިންނަށް ހުށައެޅި ޕެޓިޝަނާ ބެހޭ ގޮތުން ކުންފުނީގެ މީޑިޔާ ކޯޑިނޭޓަރު ޢަބުދުﷲ މައުމޫން މިއަދު ވިދާޅުވީ ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި ޑިރެކްޓަރުންގެ ބޯޑުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ދަނީ ޕެޓިޝަން ބަލާ ދިރާސާ ކުރަމުން، އަދި މުވައްޒަފުންނަށް ވަކި ޖަވާބެއް ދީފައެއް ނުވޭ." މައުމޫން ވިދާޅުވި އެވެ.