ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޑޮކްޓަރުން ބުނެ އެވެ. ހާއްސަކޮށް ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ ކާނާތަކުގެ ތެރޭގައިވެސް ކެންސަރަށް މަގުފަހިވާ ކާނާ ހިމެނޭކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ. ސަބަބަކީ އެފަދަ ކާނާ ތަކުގައި ކެންސަރު ޖައްސާ އެޖެންޓުން ނުވަތަ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތައް އެކުލެވޭތީ އެވެ.

އެއާ ހިލާފަށް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކާނާވެސް ހުރިކަން ދިރާސަތަކުން މިވަނީ ދައްކާފަ އެވެ. އެހެންކަމުން އެފަދަ ކާނާ ގިނައިން ބޭނުންކޮށް، ކެންސަރު ޖެހުމަށް މަގުފަހިވާ ކާނާތަކުން ދުރުވާން ޖެހެ އެވެ.

ވޭމާ އާއި ތަރުކާރީގެ ބާވަތްތަކަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކާނާގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަށިގަނޑުގައި ހުންނަ ސެލްތައް ރައްކާތެރިކޮށްދެ އެވެ. އެފަދަ މާއްދާތަކުގެ ތެރޭގައި ހިމެނެނީ އެންޓިއޮކްސިޑެންޓްސްގެ ތެރޭގައި ހިމެނޭ ވިޓަމިން ސީ އަދި ވިޓަމިން އީ، ބީޓާ ކެރޮޓީން ފަދަ މާއްދާތަކެވެ.

ގިނައިން މޭވާ ބޭނުން ކުރާ ނަމަ ބަނޑު އަދި ފުއްޕާމޭގެ ކެންސަރުތަކުން ދުރުކޮށްދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ކެރެޓު އަދި ސްކުއޭޝް ފަދަ ތަރުކާރީ ކެއުމުގައި އިތުރު ކުރާނަމަ ފުއްޕާމެއާ އަދި އަނގައިގެ ކެންސަރުން ދުރުކޮށްދެ އެވެ.

އޭގެ އިތުރުން ބުރޮކޮލީ، ސްޕިނޭޗް، ބީންސް ފަދަ ތަރުކާރީގެ ސަބަބުން ބަނޑުގެ ކެންސަރުން ދުރުކޮށްދެ އެވެ. އޮރެންޖު، ގްރީން ޕީސް، ބެލް ޕެޕަރ، ފެހިކުލަ ގަދަ ފަތް، އަދިވެސް އެނޫން ވިޓަމިން ސީ ލިއްބައިދޭ ކާނާ ކެއުމުން ކާއެއްޗެހި ދަތުރުކުރާ ހޮޅިއަށް ޖެހޭ ކެންސަރުން ދުރުކޮށްދެ އެވެ.

ޓޮމާޓޯ، ފޭރު އަދި ކަރާ ފަދަ ކާނާ ކެއުމުގެ ސަބަބުން ފިރިހެނުންގެ ބްލެޑާ ވަށައިގެން ހުންނަ ޕްރޮސްޓޭޓް ގްލޭންޑަށް ޖެހޭ ކެންސަރުން ދުރުކޮށްދެ އެވެ.

މޭވާއާ ތަރުކާރީގެ އިތުރުން ލޮނުމެދު ގިނައިން ބޭނުން ކުރުމަކީވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެއް ކަމުގައިވެ އެވެ. ލޮނުމެދު ކެއުމުގެ ސަބަބުން ޑީއެންއޭ ރިޕެއާ ވާ މިންވަރު އިތުރުވެ ކެންސަރު ޖައްސާ ސެލްތައް މަރާލަ އެވެ. ލޮނުމެދުގެ ސަބަބުން ބަނޑުގެ ކެންސަރާ މައިދާގެ ބަލިތަކުން ވެސް ދުރުކޮށްދެ އެވެ.

ލޮނުމެދުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ، ކެއްކުމުގެ 20 މިނެޓު ކުރިން، ތޮށި ފިލުވުމަށްފަހު ކުދިކޮށް ކޮށާފައި ބެހެއްޓުމުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އެއީ އޭރުން ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ އެންޒައިމް އެކްޓިވޭޓް ކުރުވާނެ އެވެ. ލޮނުމެދުގެ އިތުރުން، ފިޔާ އަދި ލީކްސް ގިނައިން ކެއުމުގެ ސަބަބުން ވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމަށްވެ އެވެ.