08 Mar 2016, 11:15
އުރީދޫ ގްރޫޕަށް ނިމިދިޔަ 2015 ވަނަ އަހަރު ނިމުނު އިރު 8.7 ބިލިއަން ޑޮލަރުގެ ފައިދާއެއް ވެފައިވާ ކަމަށް އެ ގްރޫޕުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އުރީދޫ ގްރޫޕުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ ގްރޫޕަށް ނިމިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 32 ބިލިއަން ގަތަރީ ރިއާލް އެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ އެއީ 8.7 ބިލިއަން ޑޮލަރެވެ.
ގަތަރު، އިންޑޮނޭޝިއާ، މިޔަންމާ، އޮމާން އަދި އަލްޖީރިއާ އާއި ރާއްޖެ އަދި ފަލަސްތީނުގައި ހިދުމަތް ދެމުން އަންނަ އުރީދޫ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ އަހަރު އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 117 މިލިއަނަށް އިތުރުވެފައިވާ އިރު އެއީ 2014 ވަނަ އަހަރާ އަޅައިބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެއް ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އުރީދޫ ގްރޫޕަށް އެންމެ ގިނައިން އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ގަތަރު، އޮމާން، މިޔަންމާ، އަދި އަލްޖީރިއާ ހިމެނެ އެވެ. އެ ގައުމުތަކުން ލިބުނު އާމްދަނީ ހަތަރު ޕަސެންޓް އިތުރުވެފައިވާ ކަމަށް އުރީދޫގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އުރީދޫ ގްރޫޕުގެ ޗެއާމަން ޝެއިހް އަބްދުﷲ ބިން މުހައްމަދު ސައުދު އަލް ޘާނީ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ކަސްޓަމަރުންގެ ބޮޑު ޑިމާންޑެއް އުރީދޫ އަށް ލިބިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި މިހާރަށް ވުރެވެސް ބޮޑަށް އެ ކުންފުނިން ހިދުމަތްދޭ ގައުމުތަކުގައި ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.