ދެހާސް ސާދަ ވަނަ އަހަރު 239 ފަސިންޖަރުންނާ އެކު މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ފްލައިޓް ހޯދުމުގެ އުއްމީދު ކަނޑާނުލާކަމަށް އެ ހާދިސާ ތަހުގީގު ކުރަމުންދާ މެލޭޝިއާ އާއި އޮސްޓްރޭލިއާ އިން ބުނެފި އެވެ.

އެމްއެޗް 370 ހޯދަން އޮސްޓްރޭލިއާ އާއި ޗައިނާ އާއި މެލޭޝިއާގެ ކަމާ ބެހޭ މާހިރުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން އެގައުމުތަކުން ވަނީ ދެކުނު އިންޑިއާ ކަނޑުގެ 120،000 ސްކޮޔާ ކިލޯ މީޓަރުގެ ސަރަހައްދު ބަލާފަ އެވެ. އަދި ބޯޓު ހޯދަން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް 130 މިލިއަން ޑޮލަަރު ހޭދަކޮށްފައިވެ އެވެ. ނަމަވެސް، އެހުރިހާ މަސައްކަތުން ވެސް މިހާތަނަށް ބޯޓުގެ ބައެއް ކަމަށް ޔަގީން ކުރެވޭ އެއްޗަކަށް ފެނިފައި ވަނީ ފްލައިޓްގެ ފިޔަގަނޑުގެ ބައެކެވެ. އެބައި ފެނުނީ އިންޑިއާ ކަނޑުގައި އޮންނަ ރިޔޫނިއަން އައިލެންޑުންނެވެ.

މިހާރު އެ ހާދިސާ ހިނގިތާ ދެ އަހަރު ފަހުން ވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މެލޭޝިއާ އިން ކުރެވެން އޮތް ހުރިހާ މަސަކަތެއް ކުރަމުންދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ވިދާޅުވި އެވެ.

"އެ ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށް ހާދިސާ ހިނގަން މެދުވެރި ސަބަބު ނޭނގުމަކީ ވޭންދެނިވި ކަމެއް. އަޅުގަނޑުމެން މިތިބީ ހާދިސާގެ ހަގީގަތް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން އަޒުމު ކަނޑައަޅައިގެން،" މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް ވަނީ ބޯޓު ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން "ދުނިޔެއަށް، ހާއްސަކޮށް ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށް ހާދިސާ ހިނގޮ ގޮތާ ބެހޭ ގޮތުން ޖަވާބު ލިބިގެންދާނެ،" ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޑެރެން ޗެސްޓާ ވިދާޅުވި އެވެ.

ބޯޓު ހޯދަން މަސައްކަތް ކުރާ ޓީމުތަކުން އެމަސައްކަތް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅާ ހަމައަށެވެ. އެހާހިސާބަށް ބޯޓު ހޯދުމުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ނަމަ ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް، ބޯޓުގައި ތިބި ފަސިންޖަރުންގެ އާއިލާތަކުން ވަނީ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ.

އެމްއެޗް 370 ގެއްލެން ދިމާވި ސަބަބާއި އެ ހާދިސާގައި ޒިންމާވާ މީހުން ހޯދާދިނުމަށް އެދި ބައެއް ފަސިންޖަރުންގެ އާއިލާތަކުން ވަނީ ޗައިނާ އާއި މެލޭޝީއާގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފަ އެވެ. (ބީބީސީ)