ވޮޝިންޓަން (މާޗް 8):މިހަފްތާގެ ކުރީކޮޅު އެމެރިކާ ސިފައިން ސޮމާލިޔާގެ އައްޝަބާބް ޖަމާއަތުގެ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއްދީ އެ ޖަމާއަތުގެ 150 ހަނގުރާމަވެރިން މަރާލާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ހާމަކޮށްފި އެވެ.

ޕެންޓަގަންގެ ތަރްޖަމާން ކެޕްޓަން ޖެފް ޑޭފިސް ވިދާޅުވީ، މި ޙަމަލާތައްދިނީ ޑްރޯން މަތިންދާބޯޓެއް ބޭނުންކޮށްކަމަށާއި ޙަމަލާތައް އަމާޒުކުރީ އައްޝަބާބް ޖަމާއަތުގެ ތަމްރީން ކޭންޕަކަށް ކަމުގައެވެ. އޭނާ ވިދާޅުވީ، މިއީ ވަރަށް ދުރާލައި ރާވައިގެން ދިން ޙަމަލާތަކެއް ކަމަށާއި ހަމަލާތައް ދިނުމުގެކުރިން އެ ކޭންޕާއި އެތަން ބޭނުންކުރާ ގޮތާއި އަދި އެތަނަށް ވަދެނުކުމެވާމީހުން ޖާސޫސީ ވަސީލަތްތައް ބޭނުންކޮށްގެން ބަލާފައިވާނެ ކަމުގައެވެ.

ސޮމާލިޔާގެ ސަރުކާރުންވެސް ވަނީ އެމެރިކާއިން މިޙަމަލާތައް ދިންކަން ކަށަވަރުކޮށްދީފައެވެ. އަދި ސޮމާލިޔާ ސަރުކާރުގެ ފަރާތުން، އައްޝަބާބް ޖަމާއަތުގެ ތަމްރީން ކޭންޕާބެހޭ ގިނަ މައުލޫމާތުތަކެއް އެމެރިކާއަށް ފޯރުކޮށްދިންކަމަށްވެސް ސޮމާލިޔާގެ ޚާރިޖީ ވަޒީރު އަބްދުއްސަލާމް އުމަރު ވަނީ ވިދާޅުވެފައެވެ.

އައްޝަބާބް ޖަމާއަތަކީ ސޮމާލިޔާގެ ކުށެއްނެތް އާންމުންނަށް ހަމަލާދީ މީހުން މެރުމާއި މަގުފޭރުމާއި އަމަން އަމާންކަން ނަގާލުމާއި ބޮންގޮއްވުންފަދަ ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ޓެރަރިސްޓް ޖަމާއަތެކެވެ. މިޖަމާއަތަކީ އަލްގާއިދާއާ ބައިއަތު ހިފާފައިވާ ޖަމާއަތެއްވެސް މެއެވެ.

އަދި އެމެރިކާއަކީވެސް ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނާއި ޔަމަނާއި ލީބިޔާއާއި ސޫރިޔާ ފަދަ ގައުމުތަކުގެ ކުށެއްނެތް އާންމުންނަށް ހަމަލާދީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ގައުމެކެވެ.

އެމެރިކާ ސިފައިން ސޮމާލިޔާގެ އައްޝަބާބް ޖަމާއަތަށް ދިން ވައިގެ ޙަމަލާތަކުގައި 150 މީހުން މަރުވެފައިވާއިރު މީގެތެރޭގައި ކުށެއްނެތް އާންމުން ހިމެނޭކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ. (ރޮއިޓާސް)