އޭއެފްސީ ކަޕްގައި މިއަދު ޕިލިޕީންސްގެ ކަޔާ އެފްސީއާ ދެކޮޅަށް ނިކުންނަ މެޗެކީ ފަސޭހަވާނެ މެޗެއް ނޫން ކަމަށް ނިއުރޭޑިއެންޓްގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވްނޯފް ބުނެފިއެވެ.

ފިލިޕީންސްގައި މިއަދު ކަޔާ އެފްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ބަލްގޭރިއާގެ ސޮޓައިކޯފް ބުނީ، ކަޔާ އަކީ ގުރޫޕް އެފްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެ މެޗުން ޕޮއިންޓެއް ލިބުނަސް ހިތްހަމަ ޖެހޭނެ ކަމަށެވެ.

"ޒުވާން ގިނަ ކުޅުންތެރިން ތަކަކާއި ތަޖްރިބާކާރު ކުޅުންތެރިން ހިމެނޭ މި ޓީމަކީ އެވްރެޖް ޓީމެއް. އެ މެޗުގައި ނިއުގެ ފަރާތުން ކަޔާ އަށް ރަނގަޅު ފައިޓެއް ދޭނެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެފަދަ ރޫހެއްގައި،" ސޮޓޮއިކޯފް ބުންޏެވެ.

އޭއެފްސީ ކަޕްގައި އެންމެ ފަހުން ރާއްޖޭގައި ނިއު ކުޅުނު މެޗުގައި ފަޔަށް ލިބުނު އަނިޔާ އަކާ ގުޅިގެން ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އާ ނުލައި އެ ޓީމު ނިކުންނައިރު ސްޓޮއިކޯފް ބުނެފައި ވަނީ ކުރިން ކުޅުނު މެޗުގައި ނިއުއަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ކުރެވުނު ނަމަ އެ މެޗުން ތިން ޕޮއިންޓް ލިބުނީސް ކަމަށެވެ.

އެ މެޗުން ނިއު އަށް ޕޮއިންޓެއް ލިބުނީ އެންމެ ފަހު ވަގުތު ރިލްވާން ވަހީދު ކާމިޔާބް ކޮށް ދިން ގޯލުން 2-2ގެ ނަތީޖާ އަކުން ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާއާ އެއްވަރު ކޮށްގެންނެވެ. އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ހޮންކޮންގުގެ ކިޗީ އަތުން ރަށުން ބޭރުގައި ވަނީ 1-0 އިން ބަލިވެފަ އެވެ.

އެ މެޗު ކާމިޔާބް ކޮށް ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި ކިޗީ އޮތްއިރު ދެ ވަނައިގައި އެއް ޕޮއިންޓާ އެކު ރަށުން ބޭރުގައި ޖެހި ގޯލުގެ ތަފާތުން އޮތީ ބަލެސްޓިއާ އެވެ. ތިން ވަނައިގައި އެއް ޕޮއިންޓާ އެކު ނިއު އޮތްއިރު ކަޔާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ނިއު އިން އޭއެފްސީ ކަޕްގައި ކުޅޭ އެ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 4:30 ގައެވެ.