މީޑިއާގައި މިހާރު އެންމެ ހަލުވި ކަމާއެކު ފެތުރޭ އެއް ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގުގެ ކައިވެނީގެ ވާހަކަ އެވެ. އެވާހަކަ ނުދެކެވޭންވީ ސަބަބެއް ވެސް ނެތެވެ. އެ ދެތަރިން އެކުގައި ފެންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ބިޕާޝާގެ އާއިލާ އާއެކު ކަރަން ނަގާފައިވާ ފޮޓޯތަކާއި، އަދި އެ ދެތަރިން އެކުގައި ޗުއްޓީ ހޭދަ ކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތައްވެސް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ހަމައެއާއެކު، އެންގޭޖުމަންޓު އަނގޮޓިއަކާ ވައްތަރުގެ އަނގޮޓިއެއް ބިޕާޝާގެ އިނގިލީގައި އަޅާފައި ވަނިކޮށްވެސް ދާދި ފަހުން "ޕަޕާރާޒީ" ތަކަށް ވަނީ ފެނިފައެވެ.

އެ ފޮޓޯ ތަކާއެކު، އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމާއި، ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރުތައް މީޑިއާގައި މިހާރު ވަނީ ގަދައަށް ފެތުރެން ފަށާފައެވެ. އެވާހަކަތަކާ ހިތް ހަމަ ނުޖެހިގެން ކަމަށްވެސް ވެދާނެ އެވެ. ބިބާޝާ ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ، އޭނާ ކައިވެނި ކުރަން ވީމަ، ބޭނުންވާ ދުވަހަކު ބުނާނެ ކަމަށެވެ.

"އަހަރެން ކައިވެި ކުރަން ވީމަ، ބޭނުން އިރަކު ބުނާނަން. ދެން އިންތިޒާރު ކުރޭ." ބިޕާޝާ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ބިޕާޝާ ވަނީ މީގެ ކުރިންވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އެގޮތުން އޭނާ ވަނީ ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް އާ ނުވަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

ކަރަންވެސް ވަނީ ދެ މީހަކާއި ކައިވެނީގެ ގޮތުން ގުޅިފައެވެ. އެގޮތުން ކަރަން އެންމެ ފުރަތަމަ ކައިވެނިކުރީ ޓީވީ ބަތަލާ ޝްރައްދާ ނިގަމް އާ އެވެ. ޝްރައްދާ ވަރިކުރުމަށްފަހު ދެން ކައިވެނި ކުރީ ޖެނިފާ ވިންގެޓް އާ އެވެ.