08 Mar 2016, 09:04
ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީގެ ދެ ސަޕޯޓަރުންގެ ދެމެދުގައި ހިނގައި ދިޔަ ޒުވާބެއް ހޫނުވެ ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އޭގެތެރެއިން އެކަކު މަރުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހު ރޭ އޮތް ޕާޓީއެއްގެ ތެރޭގައި ހިނގައިދިޔަ އެ ހާދިސާ ހިނގާފައި ވަނީ، އެގައުމުގައި ދިރިއުޅޭ 21 އަހަރުގެ ނައިޖީރިއާ ޒުވާނަކާއި 34 އަހަރުގެ އިންޑިއާ މީހަކާ ދެމެދުގައި ކަމަށް އިންޑިއާގެ ޕުލުހުން ބުނެއެވެ.
"އެ ދެމީހުން ބަހުސް ކުރީ ފުޓްބޯޅަ ކުޅުންތެރިންނާއި ބެހޭ ގޮތުން. އެކަކީ ރޮނާލްޑޯގެ ސަޕޯޓަރެއް. އަނެކަކީ މެސީގެ ސަޕޯޓަރެއް،" ޕޮލިސް އިންސްޕެކްޓަރ ވިދާޅުވިއެވެ.
އެ ބަހުސް ހޫނުވީ، ނައިޖީރިއާގެ ޒުވާނާ އިންޑިއާ މީހާއަށް ބިއްލޫރި ތައްޓަކުން ހަމަލާދިން ހިސާބުން ކަމަށްވެއެވެ. އަދި އިންޑިއާ މީހާގެ ގައިގައި ޖެހިފައި ވެއްޓި ތަށި ތެޅުނީއެވެ. އެހިސާބުން އިންޑިއާ މީހާ ތަޅައިގެން ދިޔަ ތަށިން ބިއްލޫރިގަނޑެއް ނަގައި ނައިޖީރިއާގެ ޒުވާނާއަށް ހަމަލާ ދިނުމުން އޭނާ މަރުވީ ލޭ މަނާނުވެގެން ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާ އާ ގުޅިގެން އިންޑިއާ ފުލުހުން ވަނީ އެހާދިސާގައި ނައިޖީރިއާގެ ޒުވާނާއަށް ހަމަލާދީ މަރާލި އިންޑިއާ މީހާ ހައްޔަރުކޮށް އެ މައްސަލައިގެ ތަހްގީގު ފަށައިފައެވެ.
ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ މެސީއަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެއެވެ. ހަމައެއާއެކު ރެއާލް މެޑްރިޑްގެ 31 އަހަރުގެ ތަރި ރޮނާލްޑޯ ވަނީ އެ އެވޯޑް ތިން ފަހަރު ހާސިލް ކޮށްފައެވެ.
އިންޑިއާގެ އިތުރިން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ރޮނާލްޑޯ އާއި މެސީގެ ސަޕޯޓަރުންގެ މެދުގައި ފޯރިގަދަ ބަހުސްތައް ކުރިއަށްދެއެވެ. ނަމަވެސް އެ ފަދަ ބަހުސް އެއް ހޫނުވެ އެ ދެ ކުޅުންތެރިންގެ ސަޕޯޓަރެއް މަރުވިކަމަށް ރިޕޯޓްކުރި މިއީ ފުރަތަމަ ފަހަރެވެ.